31 May 2012, 09:25
ގއ. ކޮލަމާފުށީގައި ބަލިވެގެން ބޭނުން ކުރާނެ ބޭހެއް ނެތެވެ. ކައްކާނެ ގޭހެއް ނެތެވެ. އަންގާރަ ދުވަހު ހަވީރުން ފެށިގެން ރަށުން އޮތީ ކަރަންޓް ގޮއްސަ އެވެ. ޔުޓިލިޓީސް ކުންފުނިން މުޅި ރަށަށް ކަރަންޓް ދެމުން ދިޔަ 100 ކިލޯވޯޓުގެ ތިން އިންޖީނު އެއްކޮށް ވަނީ "ގޮވާ"ފަ އެވެ.
އެ ކުންފުނީގެ މެނޭޖާ ފުއާދު ހަމީދު ވިދާޅުވީ ފުރަތަމަ އިންޖީނު ހަލާކުވީ ތެޔޮ ބަދަލުކުރަނިށެވެ. ދެވަނަ އިންޖީނަށް މައްސަލަ ދިމާވެ ތިން ވަނަ އިންޖީނުން ފުއްދަމުން ދަނިކޮށް އެ އިންޖީނު ވެސް ކުއްލިއަކަށް ހުއްޓުނީ އެވެ.
"ފުރަތަމަ ޖަނަރޭޓަރަށް އެލާމެއް އައިސްގެން ބެލިއިރު ނިވިއްޖެ. އޭރު ދެ ޖަނަރޭޓަރު ވެސް ހުރީ ގަޑި ހަމަވެ، ތެޔޮ ބަދަލު ކުރަންޖެހިފައި. އެކަމާ އުޅެނިކޮށް ދޭތި ވެސް ނިވުނީ،" ފުއާދު ވިދާޅުވި އެވެ.
ކަރަންޓް މައްސަލައަށް ހައްލު ހޯދައި ރަށަށް "އަލިކަމެއް" ގެނެވޭތޯ މަސައްކަތް ކުރާއިރު ރަށުގެ ފިހާރަތަކުގައި ހުރި ތަރުކާރީއާ ރޯމަސް ވަނީ ހަލާކު ވެގެން އުކާލާފަ އެވެ. އަނެއްކޮޅުން ކޮލަމާފުށީ ސިއްހީ މަރުކަޒުން ބުނީ ވެކްސިންތައް ހަލާކުވެދާނީ ކުޑަ ޖަނަރޭޓަރެއް ބޭނުން ކޮށްގެން ކަރަންޓް ދެމުން އަންނަ ކަމަށެވެ. އެވެސް ހިފެހެއްޓޭނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ އެވެ.
ކޮލަމާފުށީ ކައުންސިލުން، ކައުންސިލަރު ރިޔާޒު ވިދާޅުވީ ކަރަންޓްގެ މައްސަލަ ޖެހި އަނދިރީގެ ތެރޭގައި ތިބި އިރު ރަށަށް ގޭހުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ވެސް ޔުޓިލިޓީޒުން ކަމަށާއި ރަށުގައި ގޭސް ނެތިގެން މިހާރު ދަރު އުނދުން ޖަހާފައިވާ ކަމަށެވެ.
އާބާދީ ހާހަކަށްވުރެ މަތީ ކޮލަމާފުށީ ރައްޔިތުން ގޭހަށް ޖެހިފައިވާއިރު އެ ޚިދުމަތް އެރަށަށް ފޯރުކޮށްދޭ ޔުޓިލިޓީޒުން ބުނެފައި ވަނީ އެރަށަށް ގޭސް ފޯރުކޮށްދިނުމަށް އެދިފައިވިޔަސް ގޭހުގެ ހަބަރެއް ނުވާ ކަމަށެވެ.
"ގޭސް ދޯނި ގޭސް ބަލާ ގޮސްވަނީ އޭގެ ފަހުން އަދި ޚަބަރެއްނުވޭ. ގޭސް ހުސްވެފައި ހުންނަތާވީ ކިހާ ދުވަހެއް ކަމެއް ނޭނގޭ!" ފުއާދު ހަމީދު ވިދާޅުވި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮލަމާފުށީ ކައުންސިލްގެ މެމްބަރު ރިޔާޒު ވިދާޅުވީ ރަށަށް ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި އަދި މިހާރު ވެސް އެމަސައްކަތް ކައުންސިލް އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.
"މިރަށަށް ކުރިން ވިޔަފާރިވެރިން ގޭސް ގެނެސްގެން ވިއްކަމުން ދަނިކޮށް ޔުޓިލިޓީޒުން އެކަން ފެށީމަ ވިޔަފާރި ވެރިން ހުއްޓާލީ. ފުރަތަމަ ވަރަށް ރަނގަޅަށް ޔުޓިލިޓީޒުން ކުރަމުން އައިސް މިހާރު ވެރިކަން ބަދަލުވިތަނާ ހުއްޓި ރައްޔިތުން ވަރަށް ދަތިހާލުގައި މިއުޅެނީ. އަޅުގަނޑުމެން މިހާރު މިތިބީ 20 އަހަރު ފަހަތަށް ގޮސް" ރިޔާޒު ވިދާޅުވި އެވެ.
ރަށުން ގޭސް ހުސްވެ ކައިބޮއި އުޅުމަށް ދަތިވެ، ކަރަންޓް ނެތި އަނދިރީގައި އުޅެން ޖެހިފައިވާއިރު ރަށުގެ ބޭސް ފިހާރައިން ވަނީ ބޭސް ހުސްވެފަ އެވެ.