05 Feb 2024, 16:43
ވޮޝިންޓަން (5 ފެބްރުއަރީ 2024): އިސްރާއީލަށް ޒަމާނީ ހަތިޔާރާއި އަސްކަރީ ވަސީލަތްތަކާއީ ޖާސޫސީ މައުލޫމާތު ލިބިފައިވާ ވަރާ ގާތްކުރާ މިންވަރަކަށްވެސް އެގައުމަށް އަސްކަރީ ގޮތުން ހަނގުރާމައިގެ މައިދާނުގައި ޕާފޯމް ނުކުރެވޭކަމަށާ އަމަލީ ގޮތުން އިސްރާއީލުގެ ގާބިލްކަން ލަދުގަންނަ ވަރަށް ދަށުގައިވާކަމަށް އެމެރިކާގެ އަސްކަރީ ތަޖްރިބާކާރެއްކަމަށްވާ ޖެނެރަލް ފްރެންކް މެކެންޒީ ވިދާޅުވެއްޖެއެވެ.
"ސީބީއެސް" ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޖެނެރަލް މެކެންޒީ ވަނީ އިސްރާއީލަށް ތިން މަސްތެރޭގައި ހަމާސްއާ ދެކޮޅަށް ޣައްޒާގައި ހާސިލް ކުރެވިފައިވަނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލަށް ހާސިލް ކުރެވިފައިވަނީ އިސްރާއީލުގެ އަސްކަރީ ގާބިލްކަމާ އަޅާބަލާއިރު "ވެރީ ލިމިޓެޑް" ނުވަތަ ވަރަށް ކުޑަ މިންވަރެކެވެ.
އެންމެ ކުޑަވެގެން އެންމެ އަސީރަކުވެސް ބާރުގެ ބޭނުންކޮށްގެން މިނިވަން ކުރެވިފައެއް ނުވެއެވެ. ހަމާސްގެ އަސްކަރީ ގާބިލްކަން ކުޑަކުރެވިފައިވާނަމަ ކުޑަކުރެވުނު މިންވަރެއްވެސް އިސްރާއީލަށް ދެނެގަނެވިފައި ނުވާކަން ޖެނެރަލް މެކެންޒީ ފާހަގަ ކުރެއްވިއެވެ.
"މިއީ އިސްރާއީލު ފަދަ ޒަމާނީ ހަތިޔާރާއި އަސްކަރީ ވަސީލަތްތަކާއީ ޖާސޫސީ މައުލޫމާތު ލިބިފައިވާ ގައުމެއް ލަދުގަންނަން ޖެހޭ ވަރުގެ ކަމެއްކަމަށް" އެމެރިކާގެ ސެންޓްރަލް ކޮމާންޑް "ސެންޓް ކޮމް"ގެ ކުރީގެ އިސް ކޮމާންޑަރުގެ މަގާމުވެސް އަދާކުރައްވާފައިވާ ޖެނެރަލް ފްރެންކް މެކެންޒީ ސިފަކުރެއްވިއެވެ.

ހަމާސްގެ މުޖާހިދުން
ޖެނެރަލް މެކެންޒީ ފާހަގަ ކުރެއްވިގޮތުގައި އިސްރާއީލަށް ޣައްޒާގައި ހޯދުނު ލިމިޓެޑް ކާމިޔާބީވެސް ބިނާވެފައިވަނީ ހަމައެކަނި ވައިގެ ސިފައިންގެ ބާރުގެ މައްޗަށެވެ.
ދުރުގައި ތިބެ ބޮންއެޅުމުގެ މައްޗަށެވެ. ބޮންއެޅިއިރުވެސް ގިނައިން ބޮންއަޅާފައިވަނީ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރާއި ސްކޫލްތައްފަދަ މަދަނީ ތަންތަނަށްކަމަށާއި ހަމާސްގެ ހަނގުރާމަވެރިން ތިބި ޓަނަލްތަކަށް ބޮންއެޅިފައިވެސް ނުވާކަން ޖެނެރަލް މެކެންޒީ ފާހަގަ ކުރެއްވިއެވެ.
އިސްރާއީލާ ދެކޮޅަށް ވަރަށް އާދައިގެ ވަސީލަތްތައް ބޭނުންކޮށްގެން މިނިވަންކަމުގެ ހަނގުރާމައެއް ކުރަމުންގެންދާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ގާބިލްކަމާއި ކެރުމާއި ހިތްވަރު، އިސްރާއީލު ސިފައިންނާ އަޅައިވެސް ނުކިޔޭވަރަށް އިސްރާއީލުގެ އެންމެ އެލީޓް ފޯސްތަކުގެ ސިފައިންގެ ގާބިލްކަން ހަނގުރާމައިގެ މައިދާނުގައި ދަށްކަން ޖެނެރަލް މެކެންޒީ ފާހަގަ ކުރެއްވިއެވެ.
ޖެނެރަލް މެކެންޒީ މިމޭރުމުން ވާހަކަ ދެއްކެވިއިރު އެމެރިކާ ސިފައިންނަށް އަފްޣާނިސްތާނުގައި ތާލިބާނުންނާ ކުރިމަތިލައިގެން 20 އަހަރު ދުވަހުންވެސް ހާސިލް ކުރެވިފައިވަނީ އިސްރާއީލަށް ޣައްޒާގައި ހާސިލް ކުރެވުނުވަރުގެ "ވެރީ ލިމިޓެޑް" ނުވަތަ ވަރަށް ކުޑަ މިންވަރެކެވެ.
ޣައްޒާގައި އިސްރާއީލު ކުރާ ހަނގުރާމައިގައި އެމެރިކާގެ އެލީޓް ފޯސްކަމަށްވާ ޑެލްޓާ ފޯސްގެ ސިފައިންނާއި ކޮމާންޑަރުންވެސް އިސްރާއިލު ސިފައިންނަށް ވާގިވެރިވުމުގައި ބައިވެރިވެއެވެ.
ނަމަވެސް ބޮންއަޅައިގެން ޣައްޒާގެ އާންމުން މެރުމާއި މަދަނީ ތަންތަން ހަލާކުރުން ފިޔަވައި އެހެން އެއްވެސް ކާމިޔާބެއް އެމެރިކާގެ ޑެލްޓާ ފޯސްއަށް ވެސް ހާސިލް ކުރެވިފައެއް ނުވެއެވެ. ހަމާސް ބޭނުން ވަގުތެއްގައި މިހާރުވެސް އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެއެވެ. އިސްރާއީލު ސިފައިން މަރައެވެ.
ހަމާސްގެ މުޖާހިދުން ބަލިކުރެވިފައިނުވާއިރު ހަމާސްގެ އަތްދަށުގައި ޔަހޫދީ އަސީރުންގެ އެކަކުވެސް ބާރުގެ ބޭނުންކޮށްގެން އިސްރާއީލަށް މިނިވަން ކުރެވިފައެއް ނުވެއެވެ.
މިހާރުވެސް ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ސަތޭކަ ތިރީސް ވަރަކަށް ސިފައިން އެބަތިއްބެވެ. އެމީހުން މިނިވަންކުރުމަށް އިސްރާއީލުގެ މުޅި ލަޝްކަރު އެމެރިކާގެ ޒަމާނީ ހަތިޔާރާއި ދުނިޔޭގައިވާ އެންމެ ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތްކުރާތާ އެތައް މަހެއް ވެފައިވާއިރު އިސްރާއީލުގެ 570އަށް ވުރެ ގިނަ ސިފައިން މަރުވެ 12 ހާހަށް ވުރެ ގިނަ ސިފައިންވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ހަތިޔާރުނެތް އާންމުންގެ 27 ހާހަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 70 ހާހަށް ވުރެގިނަ މީހުންވަނީ ޒަޚަމްކޮށްލާފައެވެ.
އަސީރުން ތިބި ތަނެއް އަދި ހަމާސްގެ ކޮމާންޑް ސެންޓަރުތައް ހުރިތަނެއް އަދި ހަމާސްގެ މުޖާހިދުން ހަރަކާތްތެރިވާ ގޮތެއް އިސްރާއީލު ސިފައިންނަށް ހޯދިފައެއް ނުވެއެވެ.