05 Feb 2024, 14:06
އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ އާންމުންނަށް ސާފު ބޯފެން ލިބޭ މިންވަރު ވަރަށް މަދު ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާ، (ޔޫއެއާރްޑަބްލިޔުއޭ)އިން ބުނެފިއެވެ.
ޔޫއެންއާރުޑަބްލިއުއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގެ އާންމުންނަށް ސާފު ބޯފެން ލިބޭ މިންވަރު ވަރަށް މަދުވެފައިވާ ކަމަށެވެ.
"ފެނަކީ ދިރުން ނަމަވެސް ޣައްޒާއަށް ފެން ހުސްވެއްޖެ," ޔޫއެންއާރުޑަބްލިއުއޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެހީ ފޯރުކޮށްދިނުން މަދުވުމާއި ޣައްޒާގެ އުމްރާނީ ތަރައްގީ ސުންނާފަތި ވުމުގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދޭ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 26،365 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުކޮށްލި މީހުންގެ އަދަދު ވަނީ 66،630 އަށް އަރައިފައެވެ.
ހަމަލާތަކުގެ ސަބަބުން ކާނާއާއި ސާފު ބޯފެން އަދި ސިއްހީ ފަރުވާ ލިބުން ވެސް ދަތިވެފައިވާ ޣައްޒާގެ ރައްޔިތުންގެ 85 އިންސައްތަ މީހުންނަށް ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.