Last Updated:
2 year 10 month ago

ލައިވް: ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން

    ބުލޮގު ޚުލާސާ

    ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގެ ކަވަރޭޖު.

    10:24

    މިއަދު މެންދުރު 2:00 ގައި އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވައި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ނިންމާލައިފި

    10:20

    ޖަލްސާ ނިންމައިލުމުގެ ކުރީގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެއް ބާރުން އަނެއް ބާރަށް، އެ ބާރުގެ ބާރު ދައްކައިގެން ލިބޭނެ ހެވެއް ނެތް ކަމަށް ވިދާޅުވެފައި.

    ރައީސް ޑރ. މުހައްމަދު މުއިއްޒު

    މިނިވަންކަން މަތީ ރާއްޖެ ލެހެއްޓެވުން އެދި ދުއާ ދަންނަވަމުން ރައީސްގެ ރިޔާސީ ބަޔާން ނިންމަވައިލައްވައިފި

    އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަހެއްހައި ދުވަހުގެ ތެރޭ، ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް ޚާއްޞަ ޕޯޓަލްއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލާނެ. ރައްޔިތުންގެ ހުށަހެޅުންތަކަށް އިރާދަކުރެއްވިއްޔާ ސީދާ އަޅުގަނޑު ޖަވާބުދާރީ ވާނަން،

    10:16

    ސީދާ ރައީސާ ސުވާލުކުރެވޭ ފޯރަމެއް ތިން މަހުން އެއް މަހު ބާއްވަނީ

    ވަޒީރުން، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެ މަހުން އެއް މަހަކު ޖަވާބުދާރީވުމަށް ބާއްވާ "އަހާ" ފޯރަމްގެ އިތުރުން، ކޮންމެ ތިން މަހުން އެއް މަހަކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ އަޅުގަނޑު ޖަވާބުދޭން ބާއްވާ ޚާއްޞަ ސިލްސިލާއެއް މި މަހު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި.

    މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މަދުވެގެން ކޮންމެ ވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބުދޭން ފައްޓަވާފައިވާކަން އެ މަނިކުފާނު ވިދާޅުވި.

    10:15
    ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް
    10:13

    އުންމީދަކީ އިތުރު ގައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުން: ރައީސް

    ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ވިޔަފާރިތަކާއި އިގުތިސާދަށް ކުރިއެރުން ލިބޭނެ ކަމަށް. އަދި، އުންމީދުކުރައްވަނީ އިތުރު ގައުމުތަކާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދުން ކަމަށް އެ މަނިކުފާނު ވިދާޅުވި.

    10:12

    އަމާޒަކީ މި އަހަރު އާ 20 ރިސޯޓު ހުޅުވުން: ރައީސް

    ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިއަހަރު ހުޅުވައި 2857 އެނދު އުފެދިގެން ދިޔުން ކަމަށް ރައީސް ވިދާޅުވި.

    ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުޞަތު ފަހިކޮށްދީ، ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށް އެ މަނިކުފާނު ވިދާޅުވި.

    މިގޮތުން ޓޫރިޒަމް ތަރައްޤީކުރަން ދޫކޮށްފައިވާ 63 މަޝްރޫޢެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރު އެކުލަވާލެވެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ރައީސް ވިދާޅުވި.

    10:09

    މަސްވެރިންނަށް މިހާތަނަށް 329 މިލިއަން ރުފިޔާ ދޫކޮށްފިން: ރައީސް

    މަސްވެރިންނަށް ނުދެވި ހުރި ފައިސާތަކުގެ ތެރެއިން 329,953,144 ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި. މީގެ އިތުރުން ވެސް ނުދެވި ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި.

    ރައީސް ވިދާޅުވީ އަމާޒަކީ މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ މަގު ހަމަޖައްސައިދިނުން ކަމަށް.

    10:08

    ގައުމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ކަށަވަރުކުރާނެ ކަމަށް ރައީސް ވިދާޅުވި.

    ގައުމުގައި ބޭރު ފައިސާ ހިފެހެއްޓޭނެ ކަމަށް ވިދާޅުވި. އަދި، ދަނޑުވެރިކަން ކުރިއަރުވަން މިއިން ޒަމާނަކު ނުކުރާ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި

    10:07

    ކަނބަލުންނަށް ދޫކުރާ ލޯންތައް މާޗު މަހުގެ ކުރިން ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި.

    އެގޮތުން، 100 މިލިއަން ރުފިޔާގެ ލޯން ދޫކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި. އޭގެ ތެރެއިން 25 އިންސައްތަ ހާއްސަ ކުރާނީ ކަނބަލުންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކަނބަލުންނަށް ކަމަށް ރައީސް ވިދާޅުވި.

    10:05

    ފެންވަރު ރަނގަޅު ޕާކިން އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި.

    10:03

    ހުޅުމާލޭގައި ސަރުކާރުގެ އޮފީސްތަކަށް ހާއްސަ އިމާރާތެއް އަޅާނީ

    ހުޅުމާލޭގައި ސަރުކާރުގެ އޮފީސްތަކަށް ހާއްސަކޮށްގެން އިމާރާތެއް ބިނާކުރާނެ ކަމަށް ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، އެ އިމާރާތާ އެކު ސަރުކާރުގެ އޮފީސްތައް އެއް ތަނަކަށް ބަދަލުކުރެވި، ރަށްރަށުގައި ވެސް އެއް ފުރާޅެއްގެ ދަށުން ވީހާ ވެސް ގިނަ ކަންކަން ފުރިހަމަ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށް.

    10:02

    ރައީސް ވަނީ ދޭދޭ ގައުމުތަކުން ގުޅުންތަކަށް އިޚުތިރާމުކުރަން ޖެހޭކަން ފާހަގަކުރައްވާފައި. އެއަށް ފަހު، ވަނީ ޗައިނާގެ ރައީސާއި ތުރުކީގެ ރައީސަށް ޝުކުރު އަދާކުރައްވާފައި.

    09:59

    މި އަހަރު އިތުރު ދެ އެއާޕޯޓުގެ މަސައްކަތް ފަށާނަން: ރައީސް

    މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތް ނިންމަމުން ދިއުމުގެ އިތުރަށް، އާ ދެ އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި.

    މީގެ އިތުރުން، އެންމެ ރައްކާތެރި ހެލްކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ނިންމާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި

    09:58
    ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް
    ރައީސް ޑރ. މުހައްމަދު މުއިއްޒު

    ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން،
    09:54

    ކަފާލަތުގެ ބިލު ހިމެނޭހެން މުހިއްމު ގިނަ ބިލުތަކެއް މި ދައުރުގައި މަޖިލީހަށް ހުށަހަޅާނަން: ރައީސް

    ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުޞަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ޤާނޫނީގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ވައުދުފުޅާ އެއްގޮތަށް މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި.

    މި ބިލުގެ އިތުރުން މި ފެށޭ މަޖިލީހުގެ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލްތަކުގެ ތެރޭގައި ކަފާލާތުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ ބިލާއި، ޕްރިވެންޓިވް ހެލްތް ކެއާ ބިލާއި، ނަފުސާނީ ދުޅަހެޔޮކަމާބެހޭ ބިލް އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލް ހިމެނޭ ކަމަށް ރައީސް ވިދާޅުވި.

    މީގެ އިތުރުން ޓްރެވެލް އެޖެންސީއާބެހޭ ބިލާއި ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި އާބަން ޕްލޭނިންއާ ބެހޭ ބިލް އަދި އާބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލް ވެސް ހިމެނޭ.

    ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލާއި ލޭންޑް ރީއެޖެސްމަންޓާ ބެހޭ ބިލާއި ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާ ބެހޭ ބިލު ވެސް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި.

    އަދި ކޮޕީރައިޓާއިގުޅޭ ހައްގުތަކުގެ ޤާނޫނު އިސްލާހުކުރުމަށް ބިލަކާއި ކޮންވޭޔަންސިންއާ ބެހޭ ބައިތައް ހިމަނައިގެން ބިމާ ބެހޭ ޤާނޫނު އިސްލާހުކުރުމަށް ބިލެއް ހުށަހަޅަން ގަސްދުކުރައްވާ ކަމަށް ރައީސް ވިދާޅުވި. އަދި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް މަޖިލީހުގައި މިހާރު ވާނީ އެދިފައި ކަމަށް އެ މަނިކުފާނު ވިދާޅުވި.

    ރައީސް ޑރ. މުހައްމަދު މުއިއްޒު

    އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން،
    09:52

    ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއެއް ފަށަނީ

    ރާއްޖޭގައި ޒަމާނުއްސުރެ އޮތް އަމާންކަމާ ހަމަޖެހުމަކީ، ވަރަށް ދޮށީ ދައުލަތެއްގެ ގޮތުގައި މިއަދާ ހަމަޔަށްވެސް މި ޤައުމު ދެމިއޮތުމުގެ އެންމެ ބޮޑު އެއް ސިއްރު ކަމަށް ރައީސް ގަބޫލުކުރައްވާ.

    ޤައުމުގެ އަމްނާ މަސަލަސްކަން ހިފެހެއްޓުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި.

    މި ސަރުކާރުން އަލަށް 10 ރަށެއްގައި ފުލުހުންގެ ޕޯސްޓް މިހާރު ވެސް ވަނީ ޤާއިމުކޮށްފައި ކަމަށް އެ މަނިކުފާނު ވިދާޅުވި.

    މީގެ އިތުރުން މި މަހުގެ ތެރޭގައި އިތުރު 9 ރަށެއްގައި ޚިދުމަތް ފަށަން ވަނީ ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވި.

    ރަށްތަކުގެ މާޙައުލުގައި ޤާނޫން ތަންފީޒުކޮށް، އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް.

    09:50

    ހުޅުމާލޭގައި ފަންގިފިލާތަކަކަށް ފުޓްސަލް ކޮމްޕްލެކްސް އެއް ހަދަނީ

    ރާއްޖޭގައި ފުރަތަމަ ފަހަރަށް މަލްޓި ސްޓޯރީ ފުޓްސަލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް ހަދަން ހުޅުމާލޭން ދެ ބިން މިހާރު ހަމަޖައްސަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ ބިމުގެ ދަތިކަމަށް ވިސްނާފައި ކުރެއްވި ކަމެއް ކަމަށް.

    09:49
    ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް
    09:47

    އަމާޒަކީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 33 އިންސައްތައަށް އިތުރުކުރުން: ރައީސް

    މި ދައުރުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި.

    އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ހަތަރު އިންސައްތައިން 33 އިންސައްތައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް އެ މަނިކުފާނު ވިދާޅުވި.

    އެއާ އެކު ޒުވާނުންނާއި ކުޑަކުދިންނަށް ރީތި، ފެހި ރާއްޖެއެއް ފޯރުކޮށްދެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި.

    09:46

    އުމުރުން 65 އަހަރު ވީނަމަވެސް ޚިދުމަތް ކުރައްވަން ބޭނުންފުޅުވާ މީހުންނަށް 75 އަހަރު ވަންދެން އެގްރިމެންޓު އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި.

    09:45
    ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް
    ރައީސް ޑރ. މުހައްމަދު މުއިއްޒު

    ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ލޯތްބާއި ކުލުނާ އެކު ސަރުކާރުން ޚިދުމަތް ކުރާނަން،
    09:42

    މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކު ހަދަން ވެސް ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވި.

    09:32

    ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފުރިހަމަކުރަން އިތުރު ޒަމާނީ ބިނާއެއް އަޅަަނީ

    ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފުރިހަމަކުރަން އިތުރު ޒަމާނީ ބިނާއެއް ބިނާކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި.

    އެގޮތުން، ކެންސަރު ބައްޔާއި، އަންހެނުންނަށް ހާއްސަ ހޮސްޕިޓަލެއް އަޅާނެ ކަމަށް ރައީސް ވިދާޅުވި.

    މާލެ ނައިސް މައިގަނޑު ފަރުވާތައް ހޯދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި.

    09:31
    ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް
    ރައީސް ޑރ. މުހައްމަދު މުއިއްޒު

    ހަމައެހެންމެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން،
    09:29

    ޚަރަދު ކުޑަކުރަން ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަން ނުކުރާން ނިންމައިފި

    ދައުލަތުގެ ޚަރަދު ކުޑަކުރަން، އިސްތިސްނާ ހާލަތްތަކުގައި ފިޔަވާ ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ހުއްޓައިލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، މިއީ އިގުތިސާދީ އަދި މާލީ މުސްތަގުބަލަށް ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް.

    09:26

    ހައްގުވެރިންނަށް އިސްކަން ލިބޭ ގޮތަށް އާސަންދަ ބަދަލުކުރާނަން: ރައީސް

    ރައީސް ވިދާޅުވީ، ދަރަނި ބޮޑުވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅައިބަލާއިރު ސަރުކާރުގެ ޚަރަދުތައް މާ ބޮޑަށް އިތުރުވެފައި އޮތުން ކަމަށް.

    އެހެންވެ، ސަރުކާރުގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށް ރައީސް ވިދާޅުވި. އެގޮތުން، ސަބްސިޑީއަކީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދެވޭ އެއްޗެއް ގޮތަށް ބަދަލުކުރާނެ ކަމަށް ރައީސް ވިދާޅުވި.

    އާސަންދައިގެ ނިޒާމު ވެސް ހައްގުވެރިންނަށް އިސްކަންދޭ އުސޫލަށް ބަދަލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި.

    އާސަންދަ ނިޒާމަކީ ހައްގުވެރިންނަށް އިސްކަން ލިބޭ ނިޒާމަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި.

    އެ ބަދަލާ އެކު ސިއްހީ ކަންކަމަށް ހައްލު ހޯދަން ޖާގަ ލިބޭނެ ކަމަށް ރައީސް އަންދާޒާ ކުރައްވާ

    ރައީސް ޑރ. މުހައްމަދު މުއިއްޒު

    މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް،
    09:23

    މިދިޔަ ސަރުކާރުގައި 8 ބިލިއަން ރުފިޔާ ޗާޕުކުރި: ރައީސް

    މިދިޔަ ސަރުކާރުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި

    ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ތަދުމަޑުކަމާއެކު 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް 13.5 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށް އެ މަނިކުފާނު ވިދާޅުވި.

    ނަމަވެސް، ހިނގަމުންދިޔަ އިސްރާފާއި، ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައިހުރި ގޮތުގެ ނަތީޖާއަކަށްވީ، އިޤުތިޞާދީ ހާލަތު ބަލިމަޑުކަމުގެ ކުރިން އޮތް ރަނގަޅު ހާލަތަށް ރުޖޫއަވިނަމަވެސް، ޑެފިސިޓް ކުޑަނުވުން ކަމަށާއި މިގޮތުން، 2023 ވަނަ އަހަރު އިގުތިސާދުގެ އުފެއްދުންތެރިކަން 2019 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވިނަމަވެސް، އެ އަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 2020 ވަނަ އަހަރުގެ ޑެފިސިޓަށްވުރެވެސް ފުޅާކޮށް، 14.6 ބިލިއަން ރުފިޔާގައި ކަމަށް ރައީސް ވިދާޅުވި.

    ދިވެހިތާރީޚުގައި މިއިން ޒަމާނަކު ޤައުމު ނުދަރާވަރަށް އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރު ދައުލަތް އޮތީ ދަރާފައި ކަމަށް ރައީސް ވިދާޅުވި.

    ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފައި ކަމަށް އެ މަނިކުފާނު ވިދާޅުވި.

    ވޭތުވެދިޔަ ފަސް އަހަރު އަށް ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި ކަމަށް ރައީސް ވިދާޅުވި.

    09:22
    ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް
    09:21

    ރައީސްގެ އަންދާޒާ: މި އަހަރު 2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ

    މި އަހަރު ފުރަތަމަ ފަހަރަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެއްޖެ

    އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ނިމި، އައު އެއާލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުސަތު ދެވުމުން، މެދުރާސްތާގައި މި އަދަދު އަހަރަކު އެވަރެޖްކޮށް 10.3 އިންސައްތައިން ދާނީ ކުރިއަރަމުންކަމަށް ވެސް ބެލެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި،

    09:19

    20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން މި އަހަރު އެކުލަވައިލާނަން: ރައީސް

    ގައުމު އާބާދުކޮށް، ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއް އޮތް ކަމަކަށް ހެދުމަށްޓަކައި ވައުދުފުޅާ އެއްގޮތަށް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މި އަހަރު އެކުލަވައިލާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

    އެ މަނިކުފާނު ވިދާޅުވީ، އެ ޕްލޭން މި އަހަރު އެކުލަވައިލާނެ ކަމަށް

    އެ ޕްލޭން އެކުލަވައިލާނީ ވީހާ ވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް

    ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި.

    09:18
    ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ މަޖިލިސް
    09:15

    އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖުން ގުޅައިލާނަން: ރައީސް

    ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި. އެގޮތުން ކުރައްވާނެ އެންމެ މުހިއްމު މަޝްރޫއަކީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖަކުން ގުޅުވައިލުން ކަމަށް އެ މަނިކުފާނު ވިދާޅުވި،ީ

    މީގެ އިތުރުން، ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފަށައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރާނަން. މިގޮތުން އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން.

    ހަމައެއާއެކު، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫޢުތައް މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނަން.

    09:12

    ހަފުތާ 14ގެ 78 އިންސައްތަ ފުއްދިއްޖެ: ރައީސް

    ރައީސް މިއަދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ރޭވި ކަންކަމުގެ 78 އިންސައްތަ މިހާރު ފުއްދިފައިވާ ކަމަށް.

    އެގޮތުން، ހަފުތާ 14 މަގުޗާޓުގައި ޖުމްލަ 161 ވަޢުދު ހިމެނިފައިވޭ. މިއަދާ ހަމައަށް 11 ހަފްތާ ނިމިފައިވާއިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި ހަތް ވައުދާއި ހަތަރު ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި 9 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއިއެކު ޖުމްލަ 50 ވައުދު ވަނީ %100 ފުއްދިފައި ކަމަށް ރައީސް ވިދާޅުވި،

    އަދި 14 ހަފްތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ %78 ފުއްދިފައި ކަމަށާއި އިރާދަ ކުރެއްވިއްޔާ މި 111 ވައުދުވެސް 14 ހަފްތާ ނިމުމުގެ ކުރިން %100 ފުއްދޭނެ ކަމަށް ރައީސް ވިދާޅުވި.

    ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ މަޖިލިސް
    09:10

    އިސްލާމީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުން: ރައީސް

    ރައީސް ވިދާޅުވީ، ރޯދަ މަސް ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިރާދަކުރެއްވިއްޔާ ވޭތިކުރާނެ ކަމަށް.

    އެއަށްފަހު އަންނަ ފިޠުރު ޢީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން ފާހަގަކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި،

    އެގޮތުން ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ވަހުދަތު ދަމަހައްޓަން އިސްލާމީ ޓީވީ ޗެނަލެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި.

    ރައީސް ޑރ. މުހައްމަދު މުއިއްޒު

    ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ،
    09:09

    24 ގަޑިއިރު ރާއްޖޭގެ އީއީޒެޑް ބެލެހެއްޓޭނެ ގާބިލުކަން އަސްކަރިއްޔާގައި ގާއިމުކުރާނަން: ރައީސް

    މި އަހަރު ތެރޭގައި ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

    އެ މަނިކުފާނު ވިދާޅުވީ، ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ރައްކައުތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި އަޅުގަނޑުމެން ހިފަހައްޓާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާ ދިވެހި ޤައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު ކަމަށް

    ރައީސް ޑރ. މުހައްމަދު މުއިއްޒު

    އިންޑިއާ ސިފައިން ޤާއިމުވެތިބި 3ތިން އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ،
    09:05

    އިންޑިއާ ސިފައިންގެ ފުރަތަމަ ގްރޫޕު މާޗު 10ގެ ކުރިން ފޮނުވައިލެވޭނެ: ރައީސް

    ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގްރޫޕު މި އަހަރުގެ މާޗު މަހުގެ 10 ގެ ކުރިން އަނބުރާ ގައުމަށް ފޮނުވައިލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ.

    މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރަށް މަޖިލީސް ހުޅުވަން ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ އެންމެ ބޮޑު ރިޔާސީ ވައުދުފުޅަކީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަށް ހިމާޔަތްކޮށްދޭނެކަމުގެ ވައުދުފުޅު ކަމަށް.

    "އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ ޢަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިޢަތެއް،" ރައީސް ވިދާޅުވި

    ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ފޮނައިލުމުގެ މަޝްވަރާތައް އިންޑިއާއާ އެކު ކުރަމުން އަންނަ ކަމަށް. އެގޮތުން، ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެތިބި ތިން އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ ކަމަށް ރައީސް ވިދާޅުވި،

    ރިޔާސީ ބަޔާން އިއްވަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުން -- ފޮޓޯ/ މަޖިލިސް
    09:05

    ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި

    09:05

    ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި

    09:04

    ރިޔާސީ ބަޔާން އިއްވަވަން ފުރުސަތު ދެއްވުމުގެ ކުރީގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ޖަލްސާ ބޮއިކޮޓު ކުރި ސަބަބު އިއުލާނު ކުރައްވާފައި

    09:00

    ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފަށައިފި.

    08:59

    08:52

    ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް މިނިސްޓަރުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ގައުމުތަކުގެ ސަފީރުން ވަނީ ވަޑައިގެންފައި

    08:49

    ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ރައީސް މަޖިލީހަށް ވަޑައިގެންފި. ރައީސަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް އަސްލަމް

    08:45

    މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއިން މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރި ނަމަވެސް ރައީސަށް މަރުޚަބާ ދަންނަވައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

    08:44

    ރިޔާސީ ބަޔާން އިއްވުމަށްޓަކައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރައީސް މަޖިލީހަށް ވަޑައިގަންނަވާނެ.

    08:39

    ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ކަވަރޭޖަށް މަރުހަބާ.