31 May 2012, 00:37
ސުލްހަވެރި ގޮތުގައި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިއަހަރު ތެރޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ޑިމޮކްރަޓިކް ޔޫނިއަންގެ ބައްދަލުވުމަކަށް ނިއުޒިލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެން އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބެއް ލަސްތަކެއް ނުވެ، ބޭއްވޭނެ ކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ.
~
"އަޅުގަނޑަށް ޔަގީން ކަށަވަރު އެ އިންތިހާބު ލަސްތަކެއް ނުވެ، އަޅުގަނޑުމެންނަށް ލިބޭނެ. މި 2012 ވަނަ އަހަރުގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ރިޔާސީ އިންތިހާބެއް ބާއްވާނެ" އިންތިހާބު ބޭއްވުމަށްޓަކައި ގިނަ ގުނަ މަސައްކަތެއްތަކެއް ކުރަމުންދާ ކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު މިރޭ ވިދާޅުވި އެވެ.
އެމަނިކުފާ ވިދާޅުވީ ގަދަބާރުންނާއި އަނިޔާވެރިކަމުން އުފައްދާ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ނޫން ކަމަށާއި އެފަދަ ވެރިކަމެއް ވައްޓާލުމަށް ނުކުންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ "ބަޣާވާތުން" ވެރިކަމަށް އައިސްތިބި މީހުންނާ ކުރިމަތިލާން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށާއި އެކަމުގެ ކެރިވަޑައިގެން ނުކުންނަވާނެ ކަމަށެވެ.
"ބަޣާވާތަކުން ވެރިކަން އަތުލައިގެން ތިބި އެންމެ ބޭފުޅުންނަށް ސާފުވާންވީ އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާ ކުރިމަތިލާން ފިސާރި ތައްޔާރަށޭ... ގަދަބާރުންނާއި އަނިޔާވެރިކަމުން އުފައްދާ ވެރިކަމެއް އެއީ ރައްޔިތުންގެ ވެރިކަމެއް ނޫން ކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އިނގޭ. އެވެރިކަމެއް ބޯލަބަން އަޅުގަނޑުމެން ނުތިބޭނެ. އެ ވެރިކަން ވައްޓާލުމަށް އަޅުގަނޑުމެން ނުކުންނާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑެއް ތިޔަބޭފުޅުންނަކަށް ހައްޔަރެއް ނުކުރެވޭނެ. އޭގެ މާކުރީގައި ތިޔަބޭފުޅުން ހައްޔަރު ވާނެ އޭގެ މާކުރީގައި ތިޔަބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވާނެ"
އުސްފަސްގަނޑު ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ؛ "އުސްފަސްގަނޑެއް އަޅުގަނޑުމެންގެ އަތަކުން އަތެއް ނުލެވޭނެ. އެބޭފުޅުންގެ އަނިޔާވެރި އުންމީދު ތަކަކީ ހަގީގަތަކަށް ނުވާނެ" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ "ޖައްބާރުކަމުގެ ތަމްރީނުދީ ދަގަނޑު ދަހަނާ އަޅައިގެން" މާލޭގެ މަގުމައްޗަށް ސަލާމަތީ ބާރުތައް ނެރުނަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ ކަމަށާއި މިވެރިކަން ނިމެންދެން ހަރަކާތުގައި ހުންނަވާނެ ކަމަށެވެ.
"ޖައްބާރުކަމުގެ ތަމްރީނުދީ ދަގަނޑު ދަހަނާ އަޅުވައި އަސޭމިރުސް ދުމާއި ކަރަންޓު މުގުރާ އެކީގައި މާލޭގެ މަގުމައްޗަކަށް [ސަލާމަތީ ބާރުތައް] ނެރުނެއް ކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. މިރޭވެސް ނުކުންނާނެ މާދަމާވެސް ނުކުންނާނެ. މިވެރިކަން ވެއްޓެންދެން އަޅުގަނޑުމެން ނުކުންނާނެ"