14:35


މިހާރު ތިއްބެވި ތިން ބޭފުޅަކާއެކު ސިވިލް ސާވިސް ކޮމިޝަނަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް، 26 ބޭފުޅަކު ކުރިމަތިލައްވާފައި ވީނަމަވެސް އެ ބޭފުޅުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ދިރާސާކުރުމަށް ފަހު، އޭގެ ތެރެއިން ފަސް ނަމެއް ފާސްކުރުމަށް ފެންނަ ކަމަށް އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ފާސްވި ފަސް ބޭފުޅުންނަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގައި ކުރިން ވެސް ހުންނެވި ޑރ. މުހައްމަދު ލަތީފާއި އެ ކޮމިޝަންގެ މެންބަރުގެ ގޮތުގައި މިހާރު ވެސް ހުންނެވި މުހައްމަދު ފަހުމީ ހަސަނާއި ކުރީގެ ފައިނޭސް މިނިސްޓަރު އަދި އެމްއެމްއޭގެ ގަވަރުނަރު އަބްދުﷲ ޖިހާދާއި، ގ. ނިއުވޭވްސް އަހުމަދު ހަސަން ދީދީގެ އިތުރުން މިހާރު ވެސް އެ ކޮމިޝަނުގެ މެންބަރު ގ. އަލަފަރު ހަދީހާ އާދަމެވެ.


ޑރ. ލަތީފަށް 72 ވޯޓާ އެކު މުޅި މަޖިލީސް އިއްތިފާގުވިއިރު، މުހައްމަދު ފަހުމީ ހަސަނަށާއި އަހުމަދު ހަސަން ދީދީ އަށާއި އަބްދުﷲ ޖިހާދަށް ލިބިވަޑައިގަތީ 71 ވޯޓެވެ. އަދި ހަދީޖާ އާދަމަށް 69 ވޯޓެވެ.


ކޮމެޓީން ކަނޑައެޅުއްވި ނަންތަކުގެ ތެރެއިން މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައިނުވަނީ  ހ. ނީލްވިލާ، ލީނާ ޒާހިރު ހުސެއިނަށެވެ. އޭނާ ކޮމިޝަނުގައި ހިމެނުމަށް 31 ބޭފުޅަކު ވޯޓް ދެއްވިއިރު، 36 ބޭފުޅަކު ވޯޓް ދެއްވީ ނުފެންނަ ކަމަށެވެ.


ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަހްމަދު ސަލީމްގެ ނަން ފެއިލްކޮށްލުމަށް ފަހު، ހިއުމަން ރައިޓްސް ކޮމިޝަނައަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އަށް ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ މިހާރުގެ ވެސް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި، މަރިޔަމް އަޒުރާއި ހ. އައްޑޫގޭ އަހުމަދު ތޮލާލާއި ޅ. ހިންނަވަރު ދޭލިޔާގޭ ޖީހާން މަހުމޫދެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ނިންމުގެ ޒިންމާ މަޖިލީހުގެ ކޮނޑުގައި އެޅިފައިވާކަމަށެވެ. އެހެންކަމުން އެ މަސައްކަތައް ނުނިމެނީސް ، މިމަހުގެ ނިޔަލަށް މަޖިލީހުގެ މެންބަރުންނަށް ދޭންޖެހޭ ޗުއްޓީ ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެ މަސއްކަތްތައް ކުރިއަށް ގެންދެވުމަށް ވެސް މަޖިލީހުގެ ކޮމިޓީތަކުގެ ކިބައިން ޝާހިދު އެދިވަޑައިގެންނެވި އެވެ.