މިދިޔަ މަހު އޮލިމްޕަހުގައި އަޅުވާފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމު "މީ އިޝްގު" ޅ. އަތޮޅު ހިންނަވަރުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ޝަރަފް އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑުން ފެންނަ މި ފިލްމު އަތޮޅުތެރޭގައި އަޅުވަން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައެވެ. އެއަށްފަހު އެންމެ ފުރަތަމަ އެ ފިލްމު އަތޮޅުތެރޭގައި އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވަނީ ހިންނަވަރުގައެވެ.

އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރި މި ލޯބީގެ ފިލްމު ހިންނަވަރުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި ހަފުތާ ބުރާސްފަތި އަދި ހުކުރު ދުވަހުގައެވެ. މި ޝޯތަކަށް ޓިކެޓު ދޫކުރަމުން ދާއިރު ޓިކެޓު ބުކް ކުރަން ގުޅާނީ 9633326 އަށެވެ.

މި ފިލްމު އެހެން ސަރަހައްދުތަކުގައި ވެސް ދެއްކުމަށް ހަމަޖެހިފައިވާއިރު ޝޯ ބުކް ކުރުމަށް ފުރުސަތު ވަނީ ހުޅުވާލާފައެެވެ. ރަށްރަށުގައި ޝޯތައް ބުކް ކުރުމަށް ވެސް ގުޅާނީ ހަމަ އެ ނަމްބަރަށެވެ.

މިއީ އަޒްހާން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމަކީ އާޝާއާއި ޝަރަފު އެކީގައި މަސައްކަތް ކުރާ ތިންވަނަ ޕްރޮޖެކްޓެވެ. އަދި ޖޯޑެއްގެ ގޮތުގައި ދެ މީހުން ފެނިގެންދާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން އުފައްދާފައިވާ ވެބް ސީރީޒެއް ކަމަށްވާ "ހިނދުކޮޅެއް"ގައި ވެސް ދެ މީހުން ވަނީ ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ޕްރިމިއާ ކުރި ފިލްމު މީ އިޝްގު ވަނީ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި އަޅުވާފައެވެ. މި ފިލްމަށް އާންމުންގެ ތެރެއިން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އަދި ޑައިރެކްޓަރު އަޒްހާންގެ ފުރަތަމަ ފިލްމާ މެދު އޭނާ ހުރީ ހިތްހަމަ ޖެހިގެންނެވެ.