ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ދޫކުރަން ނިންމާފައިވާ ފުލެޓުތައް ދޫކުރުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަލީ ޙައިދަރު އަޙުމަދު މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން އިތުރު ލަފަޔަށް އެދިވަޑައިގެންފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރާ 4،000 ފުލެޓު ދޫކުރުމަށް ހުއްދަ ދިނުމަށް ފަހު އޭސީސީން ފޮނުވި ސިޓީ އާ ގުޅިގެން އިތުރު ލަފަޔާއި މަޝްވަރާ ހޯދަން މިއަދު މިނިސްޓަރު އެ ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރެއްވި ކަމަށެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި، ފުލެޓު ދޫކުރުމާ ގުޅޭގޮތުން ކުރާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް އެ ބަޔާނުގައިވެއެވެ. ނަމަވެސް އެކަމާ ގުޅޭ މައުލޫމާތު އާންމު ކުރާނީ ފަހުން ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ނެރުނު އެހެން ބަޔާނެއްގައިވަނީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ގޯތީގެ ރަޖިސްޓަރީ އަދި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލުކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ. އަދި މިނިސްޓްރީން އަންގާފައިވާ މުއްދަތުގައި ހާޒިރުނުވެވުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމުގެ އިތުރު ފުރުސަތު ވެސް ލިބޭނެ ކަމަށް ބަޔާނުގައިވެއެވެ.

މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ، ގިރާވަރުފަޅާއި ގުޅީފަޅުންނާއި ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ގޯތި ލިބުނުކަމުގެ ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން މީގެ ކުރިން އޮތީ ފުލެޓުތައް ހަވާލުކުރުން ހުއްޓުވާލައިފައެވެ. އެ މައްސަލައިގެ ތަހުގީގު ލަސްވާތީ ފުލެޓު ލިބުނު މީހުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް، އެ ފުލެޓުތައް ދޫކުރުމުގެ ހުއްދަ އޭސީސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ. އޭސީސީން މިނިސްޓްރީއަށް އެންގީ، ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށެވެ.

އެގޮތުން، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖައާ ކުރުމަށް އެ ކޮމިޝަނުން އެންގިއެވެ. އެގޮތަށް މުރާޖައާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖައާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް ވެސް އެ ކޮމިޝަނުން އަންގައިފައިވެއެވެ.