04 Feb 2024, 15:24
މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވައި، އެކަމާ ގުޅޭ ރަސްމީ ދެންނެވުން، ރައީސް އޮފީހުން މިއަދު ނެރުއްވައިފިއެވެ.
ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ވެސް ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި އަންގަވާފައިވެއެވެ.
ރައީސް އޮފީހުން މިހާރު ވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ޚިދުމަތްތައް ދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކުރައްވައި، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ޚިދުމަތްތައް ދެއްވުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އަދި، އެ މުއައްސަސާތަކުން އެ ޚިދުމަތްތައް ދެއްވުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުޞީލު، އެކި ވަސީލަތްތައް މެދުވެރިކޮށް، ރައްޔިތުންނަށް ވީހާ ވެސް ބޮޑަކަށް ސާފުކޮށްދެއްވުމަށާއި، އެ ކަންކަމުގެ މަޢުލޫމާތު، ރައީސް އޮފީހާ ޙިއްޞާކޮށްދެއްވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ އެ އޮފީހުން އެދިވަޑައިގެންފައެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު މަހުގެ 11ގައެވެ.