04 Feb 2024, 14:19
އަވަށްޓެރި ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ބިނާވެފައި އޮތީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، ލަންކާގައި މިއަދު ފާހަގަކުރާ އެ ގައުމުގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައަށާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއަށް މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި ރައީސް މުއިއްޒު ވަނީ މި ޚާއްސަ މުނާސަބަތާއި ގުޅިގެން ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް މަރުޙަބާއާއި ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވަފައިވެއެވެ.
މީގެ އިތުރުން، ރައީސްގެ މެސެޖުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުމާއި، ދެ ފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައި އޮންނަ ގުޅުމެއްކަން ފާހަގަކުރައްވައިފައެވެ.
އަދި، ދެ ގައުމުގެ ގުޅުމަކީ ސަރަޙައްދީ ހަމަޖެހުމަށް އިސްކަންދޭ ގުޅުމެއް ކަމަށް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވައިލެއްވީ، ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ލަންކާގައި ފާހަގަކުރާ މިނިވަން ދުވަހަކީ އިނގިރޭސިންގެ ކިބައިން އެ ގައުމު މިނިވަންވީ ދުވަހެވެ. ލަންކާއަށް މިނިވަންކަން ލިބުނީ 1948 ވަނަ އަހަރެވެ.