އީރާންގައި ބާއްވާ 16 ވަނަ ނޮން އެލައިންޑް މޫވްމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކަށް އީރާންގެ ރައީސް ޑރ. މަހުމޫދު އަހުމަދީ ނިޖާދް ފޮނުއްވި ދަޢުވަތުގެ ސިޓީފުޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

ސަމިޓް އޮންނާނީ މި އަހަރުގެ އޮގަސްޓް 30 އިން 31 އަށް ވެރިރަށް ތެހެރާނުގަ އެވެ.

ރައީސް ނެޖާދުގެ ދައުވަތުގެ ސިޓީފުޅު ރައީސް ވަހީދަށް އެރުވީ، އީރާން ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވި، އެ ޤައުމުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ފޯ އޭޝިޔާ އެންޑް ޕެސިފިކްގެ ނައިބު، ޑރ. ސަޢީދު އައްބާސް އާރަޣްޝީ ރައީސް ވަހީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގަ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލު ކުރެއްވުމުގައި، ސަރުކާރާއި އީރާން ސަރުކާރާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމާއި، އެގުޅުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރްޞަތުތަކާއި، ރާއްޖޭގެ ކިޔަވާ ކުދިންނަށް އީރާންގައި މަތީ ތަޢުލީމް ޙާޞިލް ކުރެވިދާނެ ރޮނގުތަކާ ބެހޭގޮތުން ވެސް ޚިޔާލު ބަދަލުކުރެއްވި އެވެ.