ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބިލްތަކަށް ނުދައްކާހުރި ފައިސާގެ އަދަދު 50 ޕަސެންޓަށް ދަށް ކުރެވިއްޖެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކާއެކު މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގެ މައުލޫމާތު ދައުލަތުގެ މީޑިއާއާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު ބިލްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު ހަތް ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިހާރު އެ އަދަދު 50 ޕަސެންޓް ދަށް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދިވެސް ނުދައްކާ އެތައް ބިލެއް ހުރި. އެކަންކަމަށް އެޓެންޑް ވެގެން ކުރިއަށް މިދަނީ. ރައީސް މުއިއްޒުގެ ސަރުކާރަށް ތިން މަސް ނުވެ މިއުޅެނީ. އިރާދަކުރެއްވިއްޔާ މި އުނދަގޫ ހާލަތުން އަރައިގަނެ އަޅުގަނޑުމެންގެ މަސައްކަތައިގެން ކުރިއަށް ދިއުމުގެ އަމާޒު ހިފަން ތައްޔާރު މިވަނީ،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވޯލްޑް ބޭންކާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުގައި ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާއި ކުރިއަށް ރާވާފައި ހުރި ކަންކަމާ މެދު ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ.

ސައީދު ވިދާޅުވީ ވޯލްޑް ބޭންކުގެ އިތުރުން މާލީ އެހެން އިދާރާތަކާއި އަދި ބައެއް ގައުމުތަކާ ވެސް ރާއްޖޭން މަޝްވަރާކޮށް، ކުރިއަށް ރޭވިފައި ހުރި ކަންކަން ހިއްސާ ކުރުމަކީ އެކަންކަމަށް ފަސޭހަ ވެގެން ދާނެ ކަމެއް ކަމަށެވެ.