30 May 2012, 18:46
ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރާ ނެޝަނަލް އިންކްއަރީ ކޮމިޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ހިމެނުއްވުމަށް އެމަނިކުފާނު ފޮނުއްވި ނަންފުޅަކާމެދު ސަރުކާރާއި ކޮމަންވެލްތުން އެއްބަސްވެފައިވާ ކަމަށް ފެތުރި ހަބަރު ކޮމަންވެލްތުން ދޮގުކޮށްފި އެވެ. އަދި ނަމުގެ މައްސަލައިގައި ސިއްރު ހިފެހެއްޓުމަށް ގޮވާލައިފި އެވެ.
ކޮމަންވެލްތު ސެކްރެޓޭރިއަޓުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނަނީ ކޮމިޝަނަށް ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި ނަންފުޅާ މެދު ރައީސް އޮފީހުގެ ތަރުޖަމާނު ދެއްކެވި ވާހަަކަފުޅު ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.
އަދި ބުނެފައި ވަނީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުކު ހަމަޖެއްސުމާމެދު ރައީސް ނަޝީދާއި ސަރުކާރު އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސާ ޑޮނަލްޑް މެކިނަންއާ ދެމެދު މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަކާ މެދު އެތިން ފަރާތުގެ މެދުގައި އެއްބަސްުވުމަކަށް އާދެވިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ލިޔެފައި ވެއެވެ.
ނަމުގެ މައްސަލައިގައި މިހާރު ފެތުރިފައިވާ ހަބަރުތަކަށް ރިއާޔަތް ކުރައްވާ މެކިނަން ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައި މިފަދަ ނާޒުކު ކަމެއްގަައި ސިއްރު ހިފެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
"... ބޭނުންތެރި ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް ޓަކައި މިފަދަ ސެންސިޓިވް މަޝްވަރާތަކެއް ކުރަމުން ދާއިރު ސިއްރު ހިފެހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެއް،" މެކިނަން ވިދާޅުވި ކަމަށް ކޮމަންވެލްތުގެ ބަޔާނުގައި ވެއެވެ.
ކޮމިޝަންގައި ހިމެނުމަށް ނަޝީދުގެ ފަރާތްޕުޅުން އެންމެ ފަހުން ހުށަހެޅުއްވި ނަން މީޑިއާތަކުގައި އާންމުކޮށްފައިވާތީ ނަޝީދު ވަނީ ކަންބޮޑުވުން ކޮމަންވެލްތާ ހިއްސާ ކުރައްވާފަ އެވެ.
ނަޝީދުގެ ފަރާތްޕުޅުން އެންމެ ފަހުން ހުށަހެޅުއްވި ނަންފުޅެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިހާބުގެ ދަރިކަނބަލުން މަރިޔަމް މަނާލް ޝިހާބެވެ. އަދި އެ ނަން ސަރުކާރުގެ އިތުރުން ކޮމަންވެލްތުގެ މަންދޫބު ޑޮނަލްޑް މެކިނަން ވެސް ގަބޫލުކުރައްވާފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް ސަރުކާރުގެ އެވާހަކަ އެމްޑީޕީން ދޮގު ކުރެ އެވެ،
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަޝީދު ހުށަހަޅުއްވާ ނަމެއް ސަރުކާރަށް ގަބޫލު ކުރެވޭނަމަ އެކަން މީޑިއާ އަށް ހާމަކުރުމުގެ ކުރިން ނަޝީދާ މަޝްވަރާ ކުރައްވާ އެ ބޭފުޅަކާ މަޝްވަރާކުރުމުގެ ފުރުސަތު ނަޝީދަށް ދެއްވަން ކޮމަންވެލްތާއި ސަރުކާރު އެއްބަސްވެފައިވާ ކަމަށެވެ.
ސަރުކާރުން ބުނެފައި ވަނީ މަނާލްގެ ނަން ސަރުކާރުން ގަބޫލުކުރިކަން މީޑިއާތަކުގައި އިއުލާންކުރުމާއެކު އެމްޑީޕީން ނަން އަނބުރާ ގެންދިޔައީ ކަމަށެވެ.