މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އެނިމަލް"ގެ ޑައިރެކްޓަރު އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ހިންދީ ސިނަމާގެ އިތުރުން ތެލުގޫ ފިލްމުތައް އުފައްދަން މަޝްހޫރު ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމުގެ ލީޑިން އެކްޓަރަކަށް ގެންނަން ހުށަހަޅާފައިވަނީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޚާން ތަރި ސަލްމާން ޚާނަށެވެ.

ފިލްމު "އަރުޖުން ރެޑީ" އަދި "ކަބީރު ސިންގް" ފަދަ ފިލްމުތައް އުފައްދާފައިވާ ސަންދީޕު މި ފަހަރު އުފައްދަން ނިންމާފައިވާ ފިލްމަކީ ވެސް އިތުރު ތަފުސީލަކަށް ބޭނުންނުވާނެ ކަހަލަ ޑާކް އެކްޝަން ކްރައިމް ތުރިލާއެކެވެ. އިންޑިއާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެ ލިސްޓަށް ސަންދީޕްގެ ނަން އިތުރުވެފައިވާއިރު ސަލްމާން ޚާން ވަނީ ސަންދީޕުގެ މި ހުށަހެޅުމަށް ޝައުގުވެރިވާކަން ފާޅުކޮށްފައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމު "ކަބީރު ސިންގ" އަދި "އަރުޖުން ރެޑީ"ގެ ޕޯސްޓަރެއް-- ފޮޓޯ/ފޭސްބުކް

ތެލުގޫ ތަރިން ކަމަށްވާ އައްލޫ އަރުޖުން އަދި ޕްރަބާސްއާ އެކު އިތުރު އެހެން ފިލްމީ ޕްރޮޖެކްޓެއްގައި ސަންދީޕް އަންނަނީ މިހާރު ވެސް މަސައްކަތް ކުރަމުންނެވެ. ކުޅަދާނަ ޑައިރެކްޓަރުގެ ވިސްނުން ހުރީ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން އަދި ތެލުގޫ ސުޕަ ސްޓާ ޗިރަންޖީވި ފަދަ ތަރިންނާ އެކު ކުރިމަގުގައި މަސައްކަތް ކުރުމަށް ކަމަށް މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށް ފަހު މި އަހަރުގެ ފިލްމުފެއަ އެވޯޑުގައި ވެސް ވިދާލި "އެނިމަލް"ގެ ކާމިޔާބީއަށް ފަހު ސަންދީޕު ވަނީ އެ ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭނެކަން ކަށަވަރު ކޮށްދީފައެވެ.

މިދިޔަ އަހަރު ފިލްމު "ޓައިގަ3"އިން ބެލުންތެރިންނަށް ފެނުނު އެކްޓަރު ސަލްމާނާ އެކު ސަންދީޕް އުފައްދަން ނިންމާފައިވާ މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.