އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވި ހުރިހާ ފަރާތްތަކުން ވެސް ޕްރައިމަރީއަށްފަހުގައި ވެސް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ގޮވައިލައްވައިފިއެވެ.

މިރޭ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޙާބު އެމްޑީޕީން ކާމިޔާބު ކުރުމަށް ޕްރައިމަރީގައި ވާދަކުރެެއްވި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމަށެވެ.

މީގެ އިތުރުން ޞާލިހު ވަނީ، މި އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބުވި ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވައިފައެވެ

"މި އަހަރުގެ މަޖިލިސް އިންތިޙާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު ބޭއްވި ޕާޓީގެ ޕްރައިމަރީން ދާއިރާތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވަން،" އެމަނިކުފާނުގެ ޕޯސްޓުގައި ވެއެވެ.

އިތުރަށް ޞާލިހު ވިދާޅުވީ، މިއަދު އޮތް އެ ޕާޓީގެ ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި އެ ޕާޓީގެ މެންބަރުންނަށް ޝުކުރު އަދައިކޮށްފައެވެ. އަދި ޕްރައިމަރީގައި ވޯޓު ލާން ދިޔަ މެންބަރުންނަށް ވެސް ޞާލިހު ވަނީ ޝުކުރު އަދައިކުރައްވައިފައެވެ.

މިހާރު މި ހިނގާ 19ވަނަ ރައްޔިތުންގެ މަޖިލީހުގަައި ވެސް އެމްޑީޕީއަށް އެންމެ ފުރަތަަމަ ލިބިފައިވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީއެވެ. ނަމަވެސް އެ ސުޕަމެޖޯރިޓީ ބައިބައިވީ އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ރިޔާސީ ޕްރައިމަރީ ތެރޭ އުފެދުނު ޚިޔާލު ތަފާތުވުމުގައި ޕާޓީން ވަކިވުމުންނެވެ.

އެ މެމްބަރުން މިހާރު މަސައްކަތް ކުރަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހަދައިގެންނެވެ. ސަރުކާރާ ގުޅެން މަސައްކަތްކުރި ނަމަވެސް ސަރުކާރުން އެ ޕާޓީގެ ސިޔާސަތުތައް ގަބޫލުނުކުރާތީ މިހާރު ދަ ޑިމޮކްރެޓުން ވެސް ނިންމައިފައިވަނީ އެމްޑީޕީއާ ގުޅިގެން ކުރިއަށް އޮތް 20ވަނަ މަޖިލީހުގައި މަސައްކަތް ކުރުމަށެވެ.