30 May 2012, 18:40
އިނގިރޭސި މިޑްފީލްޑަރު ފްރޭންކް ލަމްޕާޑުގެ ފަޔަށް އަނިޔާވެ ޔޫރޯގައި ކުޅެވުމާމެދު ސުވާލު އުފެދިއްޖެ އެވެ.
އިނގިރޭސި އެފްއެއިން ނެރުނު ބަޔާނުގައި ވަނީ ލަމްޕާޑް ވަނީ ފަޔަށް ތަދުވާތީވެ މިއަދުގެ ފަރިތަކުރުންތަކުން ވަކިވެފައި ކަމަށާއި އޭނާގެ ފައިސްކޭން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ލަމްޕާޑްގެ އަނިޔާ އަކީ ސީރިއަސް އަނިޔާ އެއް ކަމަށްވާތީވެ ޓީމުން އޭނާ އުނިކުރަންޖެހިއްޖެނަމަ ލިވަޕޫލްގެ ޖޯޑަން ހެންޑަސަނަށް ފުރުސަތުދޭނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ޗެލްސީ އަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މެޗު ކެޕްޓަން ލަމްޕާޑް، 33 އަށް މިފަހަރުގެ މުބާރާތަކީ ގައުމީ ޖާޒީގައި ބޮޑު މުބާރާތެއް ކާމިޔާބު ކުރަން ލިބޭނެ ފަހު ފުރުސަތު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ޗެމްޕިއަންސް ލީގުގެ ކާމިޔާބީއަށް ފަހު އޭނާ ބުނީ އިނގިރޭސި ޓީމަކީ ކާމިޔާބު ހޯދޭ ފެންވަރުގެ ޓީމެއް ކަމަށާއި އެންމެން ޕޮޒިޓިވްކޮށް ތިބެންޖެހޭ ކަމަށެވެ.
ލަމްޕާޑްގެ އަނިޔާ އަކީ ކޯޗު ރޯއި ހޮޑްސަންގެ ވަރަށް ބޮޑު ބޮލުރިހުމެކެވެ. އެއީ އަނިޔާގެ ސަބަބުން ގެރެތް ބެރީ އައި ޖެކް ވިލްޝެއާ ފަދަ ކުޅުންތެރިން ޓީމުން ބާކީ ކުރަން ޖެހިފައިވާތީ އެވެ.