ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފެއްދި ތިންވަނަ ފީޗާ ފިލްމު "ކަންބަޅި" ވަނީ މިދިޔަ ހަފުތާ ބަންދާ ދިމާކޮށް އޮލިމްޕަހުގައި ދައްކަން ފަށާފައެވެ. އެއާއެކު ފިލްމާ މެދު އާންމުންގެ ހިޔާލުތައް ވެސް ވަނީ އާންމުވާން ފަށާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕްރިމިއާ ކުރި ފިލްމު ކަންބަޅިއަށް އާންމުންގެ ފަރާތުން ލިބެމުން އަންނަނީ ޕޮޒިޓިވް ރިވިއުތަކެކެވެ.

އައިފިލްމްސްގެ ފުރަތަމަ ބިރުވެރި ފިލްމު ރިލީޒް ކުރި ނަމަވެސް މި ފަހަރު ވެސް އިއްލެގެ ސިގްނޭޗާ ރަހަތަށް މި ފިލްމުގައި ހުރި ކަމަށް ބެލުންތެރިން ބުނެއެވެ. އެގޮތުން އިޖުތިމާއީ ބައެއް މައްސަލަތަކަށް މި ފިލްމުގައި ވެސް އަލި އަޅުވާލާފައިވާ ކަމަށް ބެލުންތެރިން ބުނެއެވެ.

ސަސްޕެންސްއިން ފިލްމު ފުރިފައިވާއިރު ވާނެ ގޮތެއްގެ އިންތިޒާރުގައި ހުރިހާ ބެލުންތެރިން ތިބީ ކޮންމެ ސީނަކަށް ނޭވާ ހިފަހަށްޓާލައިގެންނެވެ. ފިލްމުގެ ކާސްޓުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާއިރު ފިލްމުގެ ޕްލޮޓުވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ފިލްމަކީ ހަގީގަތުގައި ވެސް ވުން އެކަށީގެންވާ ކަމެއް ކަމަށާއި އެކަންތައް ސިފަކޮށްދީފައިވަނީ ހަގީގަތާ ގާތްވާ ގޮތަށް ކަމަށް ބެލުންތެރިން ބުނެއެވެ. މި ފިލްމު ނުބަލާ ތިބި މީހުން ގޮސް މި ފިލްމު ބަލަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުން އެބަދެއެވެ.

ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ފެންނަނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.

އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވެއެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރީ ޝާހިދު ލެގަސީއެވެ. އަދި, ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރިއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ "އޯކޭޒް އިންކް" އިންނެވެ.