ނަލަހިޔާ ހޮޓަލެއްގެ ފަންގިފިލާއަކުން ދުން އަރާތީ ސިފައިން މިރޭ ހަރަކާތްތެރި ވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ނަލަހިޔާ ހޮޓަލުގެ ފުރަތަމަ ފަންގިފިލާއިން ދުން އަރާ ކަމުގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިރޭ 18:22 ހާއިރު ކަމަށެވެ. މީގެ އިތުރަށް އެ އިދާރާއިން ބުނީ އެމްއެންޑީއެފުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް މިހާތަނަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

އަދިވެސް އެ ސަރަހައްދުން ދުންއަރާތީ ދުންބޭރު ކުރުމަގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގެ ޓީމް މިވަގުތު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މާލޭގައި މީގެ ކުރިން ނުރައްކާތެރި ހާދިސާތައް ހިނގައި މީހުން މަރުވެފައި ވެސް ވެއެވެ. މި ސަރަހައްދުގައި ވެސް މީގެ ކުރިން ބޮޑު ހާދިސާއެއް ވަނީ ހިނގައިފައެވެ.