03 Feb 2024, 18:24
އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުންކަމަށް އެމްޑީޕީގެ ވަގުތީ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ބައްލަވައިލެއްވުމަށް ޞާލިހު މިއަދުވަނީ ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެންފައެވެ.
އެއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޞާލިހު ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު ހޯދުންކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މަޖިލީހުގެ މެޖޯރިޓީ ނެގުން. އަޅުގަނޑުމެންނަށް އެ މަންޒަރު އެބަފެނޭ،... އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ދެންނެވިހެން ކުރިއަށް އޮތް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިގެންދާނެ،" ޞާލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ޕްރައިމަރީ ނިމުމާއެކު ކެމްޕޭން ހަރަކާތް ލޯންޗުކޮށް، އަތޮޅު ތެރެއަށް ކެމްޕޭން ދަތުރުތައް ފަށާނެކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިންތިޒާމުތައް ހަަމަޖެއްސުމުގެ މަސައްކަތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މީގެ ކުރިން ވެސް އެމްޑީޕީގައި އިންތިޚާބުތަކާ ދިމާކޮށް ޕްރައިމަރީތައް ބާއްވަމުން އަންނަކަމަށެވެ. ބައެއް ފަަހަރުފަަހަރު ޕްރައިމަރީ ބާއްވައިގެން ވަރަށް ބޮޑަށް ނުރަނގަޅު ނަތީޖާތަކެއް ނިކުތް ޕްރައިމަރީތައް ވެސް އެބަހުރިކަމަށް ވިދާޅުވިއެވެ.
ނަމަވެސް މި ޕްރައިމަރީގައި ކުރިއާލައި ކެންޑިޑޭޓުންގެ މެދުގައި ގިނަ ކަންތައްތަކެއް ނިންމައި ސުލްހަވެރިކަމާއެކު ނިންމުންތައް ނިންމައިފައިވުމުން މިފަަހަރު އެ ފަދަ މައްސަލައެއް ދިމާނުވާކަމަށް ޞާލިހު ވިދާޅުވިއެވެ.
"ސިޔާސީ ކަންތައްތަކުގައި އަބަދަކު މޮޅެއް ނުވާނެ. އެހެންނަމަވެސް އޮންނާނީ ކުރިއަށް ދިއުން،" ޞާލިހު ވިދާޅުވިއެވެ.
މިހާރު މި ހިނގާ 19ވަނަ ރައްޔިތުންގެ މަޖިލީހުގަައި ވެސް އެމްޑީޕީއަށް އެންމެ ފުރަތަަމަ ލިބިފައިވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީއެވެ.
ނަމަވެސް އެ ސުޕަމެޖޯރިޓީ ބައިބައިވީ އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ރިޔާސީ ޕްރައިމަރީ ތެރޭ އުފެދުނު ޚިޔާލު ތަފާތުވުމުގައި ޕާޓީން ވަކިވުމުންނެވެ. އެ މެމްބަރުން މިހާރު މަސައްކަތް ކުރަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހަދައިގެންނެވެ.
ސަރުކާރާ ގުޅެން މަސައްކަތްކުރި ނަމަވެސް ސަރުކާރުން އެ ޕާޓީގެ ސިޔާސަތުތައް ގަބޫލުނުކުރާތީ މިހާރު ދަ ޑިމޮކްރެޓުން ވެސް ނިންމައިފައިވަނީ އެމްޑީޕީއާ ގުޅިގެން ކުރިއަށް އޮތް 20ވަނަ މަޖިލީހުގައި މަސައްކަތް ކުރުމަށެވެ.