ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އެ ޕާޓީއަށް ނިސްބަތްވާ މާލޭ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުޙައްމަދު ސައިފް ފާތިހު، 15 ވޯޓާއެކު ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ.

ސައިފް ވާދަކުރެއްވީ، ހެންވޭރު ދެކުނު ދާއިރާއަށެވެ. އޭނާއާއެކު އެ ދާއިރާގެ ޓިކެޓަށް ވާދަކުރީ އަޙްމަދު އަސްވަން ނުޢުމާނެވެ.

ޕްރައިމަރީގައި އަސްވަންއަށް ލިބިފައި ވަނީ 12 ވޯޓެވެ. މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 42 މީހުންނަށެވެ.

ޑިމޮކްރެޓްސްގެ ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓު ހޯދައިފައިވަނީ ޙުސައިން ފިރުޝާނެވެ. އޭނާ އަށް 74 ވޯޓު ލިބިފައި ވާއިރ، އޭނާއާ ވާދަކުރި ޙަސަން އަޤީލަށް ލިބިފައިވަނީ 27 ވޯޓެވެ. އަދި މުޙައްމަދު ފައިޞަލަށް ލިބިފައި ވަނީ 26 ވޯޓެވެ.

ސައިފަށް ޑިމޮކްރެޓުންގެ މަޖިލިސް ޓިކެޓު ކަށަވަރުވެފައިވާއިރު އޭނާވަނީ ހުސްވެފައިވާ މާލޭ މޭޔަރުކަމުގެ މަގާމަށް މޭޔަރަކު އިންތިޚާބުކުރަން އޮތް ބައި އިލެކްޝަނުގައި ވެސް ބައިވެރިވެ، ނާކާމިޔާބުވެފައެވެ.

އެ އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު މައި ޕާޓީން ނިކުންނެވި ކެންޑިޑޭޓު އާދަމް އާޒިމެވެ.