30 May 2012, 18:24
ދިރާގު ދިވެހި ލީގުގައި އޭވައިއެލް ކޮޅަށް ވިޔަންސާއިން މިއަދު ޖެހި ފަސް ލަނޑާއެކު ޗެމްޕިއަން ވީބީ ގަދަ ހަޔަކުން ބޭރުވެއްޖެ އެވެ.
މިއީ ދިވެހި ލީގުގައި ވީބީ ވާދަ ކުރަން ފެށި ފަހުން އެ ޓީމު ގަދަ ހަޔަކުން ބޭރުވި ފުރަތަމަ ފަހަރެވެ. މިއަދުގެ މެޗުގައި ވިޔަންސާ އަށް ގޯލު ޖަހައިދިނީ އިސްމާއީލް ޝިޔާހް އާއި އަބުދުލްމުހައިމިން މުހައްމަދާއި އިބްރާހިމް ރިޒްވާން، އަދި އަހުމަދު އުސާމާއި ހުސައިން ޝުޖާއު އެވެ.
މިއަދުގެ މޮޅާއެކު ވިޔަންސާ އަށް ވަނީ ފުރަތަމަ ބުރުގައި ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމުނުއިރު ހަ ޕޮއިންޓް އެއްކުރެވިފަ އެވެ. އެއީ ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވެ، ތިން މެޗުން ބަލިވެ، މިއަދުގެ މެޗުން މޮޅުވުމުންނެވެ. އެ ޓީމަށްވުރެ ފަހަތަށް ވީބީ ސޮއްސާލީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ގޯލުގެ ތަފާތުންނެވެ. ވިޔަންސާ އަށް ގެއްލުން އެއް ގޯލު އޮތްއިރު ވީބީ އަށް ގެއްލުން ދެ ގޯލު އެބައޮތެވެ. ނަމަވެސް ފުރަތަމަ ބުރުގެ ފަހު މެޗުގައި ވިކްޓަރީ އަތުން ވީބީ ބަލިނުވެއްޖެނަމަ އެ ޓީމަށް ގަދަ ހަޔަކުން ފުރުސަތު ލިބޭނެ އެވެ. ވީބީ މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އީގަލްސް އަތުން އެކަންޏެވެ. ތިން މެޗު އެއްވަރުވެފައިވެ އެވެ.
ލީގުގައި މާދަމާ ކުޅޭނީ 14 ޕޮއިންޓާއެކު އެއްވަނާގައިވާ ނިއު އާއި ހަތަރުވަނާގައިވާ މާޒިޔާ އެވެ. މި މެޗުން މޮޅުވެއްޖެނަމަ މާޒިޔާ އަށް ނިއުއާ އެއްޕޮއިންޓަށް ކަިއރިކުރެވި ދެ ވަނަ ލިބޭނެ އެވެ.