03 Feb 2024, 17:59
ކޯޓެޑިއުއާގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީފައިނަލުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލުން ޑީއާރު ކޮންގޯ ޖާގަހޯދީ ކުއާޓާ ފައިނަލްގައި ގިނީއާ ބައްދަލުކުރި މެޗް 1-3 އިން ކާމިޔާބު ކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ގިނީއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފެއްދީ ކޮންގޯއިންނެވެ.
މި މެޗްގެ ފުރަތަމަ ލަނޑު ޖަހައި މެޗްގެ ލީޑު ނެގީ ގިނީއިންނެވެ. މެޗުގެ 20ވަނަ މިނެޓްގައި ޑީއާރު ކޮންގޯގެ ޗަންސެލް އެމްބެމްބާ ގިނީގެ ފޯވަޑް މުހައްމަދު ބާޔޯއަށް ކުރި ފައުލެއްގެ ސަބަބުން ލިބުނު މިޕެނަލްޓީ ޖަހައިފައިވަނީ ވެސް ބާޔޯއެވެ.
ނަމަވެސް މި ލަނޑު ޖެހިތާ ހަތް މިނެޓްފަހުން އެމްބެމްބާއަށް ހެދުނު ގޯހުގެ ބަދަލުގައިވަނީ ޑީއާރު ކޮންގޯގެ ފުރަތަމަ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. މި މެޗުގައި ޑީއާރު ކޮންގޯއިން ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗުގެ 65ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.
ގިނީގެ ޖޫލިއަން ޖޮންވިއާ ޑީއާރު ކޮންގޯގެ ސިލާސްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޔޮއާން ވީސާއެވެ.
އަދި މި މެޗްގައި ޑީއާރު ކޮންގޯއިން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 82ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އާތާ މަސައުކޫއެވެ. މި މެޗްގެ ދެވަނަ ހާފްގައި ގިނީއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ޑީއާރު ކޮންގޯއިން މި ވަނީ 2015ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެފްކޮންގެ މުބާރާތެއްގެ ސެމީފައިނަލުން ޖާގަ ހޯދައިފައެވެ. ޑީއާރު ކޮންގޯ ސެމީފައިނަލްގައި ބައްދަލުކުރާނީ މާލީއާއި ކޯޓެޑިއުއާ ބައްދަލުކުރާ ކްއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.