އަރުހަމްގެ މަރުގެ މައްސަލައިގައި ކުށްވެރިވާ ފަރާތްތައް ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެންދަން ފުލުހުންގެ ހުރިހާ ރިސޯސްއެއް ވޭނުން ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ހ. ދޮންހުރާ ގޯޅިތެރެއިން ވަދެވޭ ގޮތަށް އޮންނަ ޕާކްތެރޭގައި ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ނޫރާނީގޭ، މުޙައްމަދު އަރުހަމް 16 އަހަރުގެ މަރުގެ ޙާދިސާ ކުށްވެރިކޮށް ފުލުހުން ވަނީ މިއަދު ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނަނީ މަރުގެ އެ ހާދިސާއަށް ވަރަށް ބޮޑު އިސްކަމެއްދީގެން ތަހުގީގު ކުރިޔަށް ގެންދާނެ ކަމަށާއި އެކަމުގައި ފުލުހުންގެ ހުރިހާ ރިސޯސްއެއް ބޭނުންކޮށް ކުށްވެރިވާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށް ގެންދާނެ ކަމަށެވެ.

އަރުހަމް މަރާލި ހާދިސާއާ ގުޅޭ މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ލަސްނުވެ ފުލުހުންނާ ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ ގޮވާލާފަ އެވެ.

ދަރުމަވަންތަ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އައި އަރުހަމް މަރާލާފައި އޮއްވައި ފެނިފައިވަނީ މަޝްހޫރު ލޮރެންޒޯ ޕާކްތެރެއިންނެވެ. އޭނާގެ ހަށިގަނޑުގެ ހަ ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވާއިރު، އޭނާގެ ފެނުނުއިރު އޭނާގެ ގައިމަތީގައި ޖޯލިފައްޗެއް ވެސް އޮތެވެ.

އަރުހަމްގެ އާއިލާއިން ބުނެފައި ވަނީ އޭނާއަަށް ހަމަލަދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

އަރުހަމްގެ މަރާ ގުޅިގެން އެޑިއުކޭޝަނާއި އެޗްއާރްސީއެމާއި އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.