ރާއްޖޭގެ އިގުތިސާދަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ޔޫރަޕަށް އެތެރެކުރާ މަހުން ނަގާ ޓެކްސް ކުޑަކޮށްދޭން ފޮރިިން މިނިސްޓަރު މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މިއަދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ބްރަސަލްސްގައި ބޭއްވި އީޔޫ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ވިޔަފާރިކޮށް، މަންފާ ހާސިލުކުރެވޭނީ ޔޫރަޕަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް ނަގާ ޓެކްސް ކުޑަކޮށްގެން ކަމަށެވެ.

"މިކަން ހާސިލްކުރުމަށް ޓަކައި މުހިންމު ކަމަކީ ރާއްޖޭގެ ހަމައެކަނި އެކްސްޕޯޓުކަމަށްވާ މަހުގެ ބާވަތްތަކުން ޔޫރަޕިއަން ޔޫނިއަނުން ނަގާ ޓެކްސް ކުޑަކުރުން،" ޒަމީރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޒަމީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިގުތިސާދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މޫސުމީ ގޮތުންނާއި އިގުތިސާދީ ގޮތުން ގިނަ ދަތިތަކެއް ދިމާވާކަމަށެވެ.

އެގޮތުން މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދަލާއި ތެލުގެ އަގު ބޮޑުވާތީ ދިވެހި ސަރުކާރުގެ ކޭޝް ފްލޯއަށް ގިނަ ދަތިތަކެއް ކުރިމަތިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫރަޕުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ އެއްކޮށް ކަނޑައިލުމަށް އެދި ކުރީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެގޮތުން ޔޫރަޕިއަން ޔޫނިއަނާ ވެސް މަޝްވަރާތަކެއް ބޭއްވުމަށް ފަހު، ޑިއުޓީ ކަނޑާލާނެކަމަށް ސަރުކާރަށް ބެލެވުނެވެ. އެއާއެކު، މިފްކޯއިން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ.

ނަމަވެސް އޭގެ ފަހުން ޑިއުޓީ ކަނޑައިފައެއްނުވެއެވެ. އަދި މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރުމުން އެ މަސައްކަތް ކުރާ ބައެއް ދިވެހި ކުންފުނިތަކަށް އެ އަގުގައި މަސް ނުގަނެވޭތީ އެ ކުންފުނިތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އައެވެ.

މީގެ އިތުރުން އެ ބަދަލާއެކު މަސްވެރިން ވަނީ އެ މީހުންގެ ބިލަށް ފައިސާ ލިބުމުގައި ވެސް ލަސްތަކެއް އުޅޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.