ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ (އިންތި) އާއި މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ލުފްޝާން ޝަކީބު (ލޫއްޕެ)ގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ދެބޭފުޅުން މިނިވަންކޮށްފި އެވެ.

އުސް ފަސްގަނޑުގެ މައްސަލާގައި މާލޭގައި އިއްޔެ ކުރި މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މީހުންނާއެކު ބަންދުގެ މުއްދަތު ޖަހަން އިންތި އާއި ލޫއްޕެ މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެ ދެ ބޭފުޅުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ މިނިވަންކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރާ އަމުރަން ނުކިޔަމަންތެރިވުމުގެ މައްސަލާގައި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޝަރީއަތަށް ހުށަހެޅި ގަރީނާތަކުގެ ތަފްސީލެއް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން 54 މީހެއްގެ ބަންދުގެ މުއްތަދު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން 31 މީހެއްގެ މުއްދަތު ޖަހައިދީ 23 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

ބަލައި އޮބްޒާވް ކުރުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ވެސް ހަރަކާތްތެރިވި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި އެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހުންނަށާއި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުން ދިނެވެ. އަދި މުޒާހަރާތައް ރޫޅައިލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރި އިރު ވެސް ގިނަ ބަޔަކަށް އަނިޔާވި އެވެ.