ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހަކު ވެސް އިތުރުވާ ފައިސާއާއެކު, މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ.

އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި ހުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތްކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިވިއެވެ.

އޭނާ ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދިނުމަށް ޓަކައި ސަރުކާރާއި މިފްކޯއިން ރައީސްގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީ ދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް މިހާރު ކުރާކަމަށެވެ.

ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާއި މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރި ކަމަށް ތުހުމަތުކުރައްވައި ޝިޔާމް ވިދާޅުވީ، ލަސްތަކެއްނުވެ މިހާރު ހުރި ފައިސާ އެއްކޮށް ދެވި، ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޭން ފެށޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

މީގެ އިތުރުން، އުންމީދަކީ މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލުކުރައްވަން އެންމެ ކުރިޔަށް ނިކުންނަވާ. މަސްވެރިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލެއްވުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަން،" މިނިސްޓަރު ލިޔުއްވާފައި ވެއެވެ.

މީސްމީޑިއާ މެދުވެރިކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން އިއްޔެ ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި މަސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި ބާކީ ފައިސާ, މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް އަނބުރާ ދޭނެ ކަމަށެވެ.

އަދި، ކުރިއަށް އޮތް ތަނުގައި އެގޮތަށް އަބަދު ފައިސާ ދައްކަން ޖެހިފައި ބޮޑު އަދަދަކުން ހުންނަން ޖެހޭ ގޮތަށް ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެ ކަމަށާއި އެންމެ މުހިންމު އެއް ކަމަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ކަންތައް ހަމެޖެއްސުން ކަމަށް ރައީސް ވިދާޅުވިއެވެ.