30 May 2012, 17:37
މަސްތުވަން ބޭނުން ކުރާ ބޭސް ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހައްޔަރުކުރި ދިވެހި މީހާގެ އަތުން ފެނުނު ބޭސް ތަކަކަކީ ނުރައްކާތެރި ކެމިކަލް އެއް ބޭނުން ކޮށްފައިވާ ބޭސަތަކެއް ކަމަށް ކަސްޓަމްސް ބުނެފި އެވެ.
ކަސްޓަމްސް އިން ބުނީ އިއްޔެ މެންދުރު އިންޑިއާގެ ބެންގަލޫރުން އައި ފްލައިޓުން ރާއްޖެ އައި ގއ. ވިލިނގިލީ ސިލްވަރުވިލާ، އަލީ ރަޝީދު 32، ގެ އަތްދަބަސް ޗެކްކުރިއިރު، މަސްތުވުމަށް ބޭނުން ކުރާ ޒާތުގެ 281 ބޭސްގުޅަ ފެނިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 89 ބޭސް ގުޅައިގައި މަސްތުވުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "އެކްސްޓަސީ"ގެ 67.6 ގުރާމު ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި އިތުރު 192 ބޭސް ގުޅައަކީ ވެސް އެޒާތުގެ ބޭސް ކަމަށް ބެލެވޭތީ އެތަކެތި ޓެސްޓު ކުރުމަށް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެކްސްޓަސީއަކީ ތަފާތު ބާވާތްތަކުގެ މަސްތުވާތަކެއްޗާއި، ނުރައްކާތެރި ކެމިކަލް އެއްކޮށްގެން ތައްޔާރުކޮށްފައި ހުންނަ އެއްޗެއް ކަންފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ޔޫރަޕާއި އާސިއާންގެ ގައުމުތަކުގައި އާންމުކޮށް ބޭނުން ކުރާ އެ ބޭހަކީ އޭގެ ސަބަބުން ސިކުނޑި އާއި ހިތް އަދި ކިޑްނީފަދަ ގުނަވަންތައް ހަލާކުވާ ކަމަށް ދިރާސާތަކުން ދައްކާ ބޭހެއް ކަމަށް ކަސްޓަމްސް ބުންޏެވެ.
ކަސްޓަމްސް އިން ވަނީ އެބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.
އަލީ ރަޝީދުގެ ބަންދުގެ މުއްދަތު ފަސް ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ފުލުހުން އަލީ ރަޝީދު ދިރިއުޅޭ ގެވެސް ފާސް ކުރި އެވެ. އެގެ ފާސްކުރުމުގެ ތެރޭގައި ބޭންކް ސްލިޕްތަކެއް ފެނިގެން ބެލި ބެލުމުގައި އޭނާގެ ތިން އަހަރު ނުވާ ދަރިފުޅުގެ އެކައުންޓުން 2.7 މިލިއަން ރުފިޔާ ވެސް ވަނީ ފެނިފަ އެވެ.