02 Feb 2024, 15:19
ފޯމިއުލާ ވަން ކާރު ރޭހުގައި އެންމެ ކާމިޔާބު އެއް ދުއްވުން ތެރިޔާ ކަމަށްވާ ލުއިސް ހެމިލްޓަން މިއަހަރުގެ ސީޒަން ނިމުމުން މާސިޑީޒް ދުކޮށް ފެރާރީއާ ގުޅެން ނިންމައިފިއެވެ.
އުމުރުން 39 އަހަރުގެ ހެމިލްޓަންވަނީ މާސިޑީޒް އާއެކު ދެ އަހަރު ދުވަހުގެ އާ އެއްބަސްވުމެއްގައި މިދިޔަ ސީޒަން ފެށުމުގެ ކުރިން ސޮއިކޮށްފައެވެ. ނަމަވެސް މިއެއްބަސްވުމުގައި އެއް އަހަރަށްފަހު އެއްބަސްވުން ނިމުމަކަށް ގެނެވިދާނެކަމަށް ހާމަކޮށްފައިވުމުން، ހެމިލްޓަން މިހާރުވަނީ އެ މާއްދާގެ ދަށުން މިއެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައެވެ.
ހެމިލްޓަން ބުނީ ވޭތުވެދިޔަ 11 އަހަރު އޭނާ މާސިޑީޒްއާ އެކު ހޯދާފައިވާ ކާމިޔާބީ ތަކާމެދު ފަހުވެރިވާކަމަށެވެ. ހަތް ފަހަރަށް ފޯމިއުލާ ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން ހާސިލްކޮށްފައިވާ ހެމިލްޓަން ހާމަކުރިގޮތުގައި އޭނާގެ އުމުރުން 13 އަހަރުން ފެށިގެން މާސިޑީޒް ވެފައިވަނީ އޭނާގެ ދިރިއުޅުމުގެ އެއް ބަޔަށެވެ.
މިއީ އޭނާ އުޅެ ބޮޑުވި ތަން ކަމަށާއި އެހެންކަމުން މާސިޑީޒް ދޫކޮށްދިއުމަށް ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިއީ މިވަގުތަށް އެންމެ ރަނގަޅު ނިންމުންކަމަށް އޭނާއަށް ގަބޫލް ކުރެވޭ ކަމަށާއި ކުރިއަށް އޮތް ސީޒަންތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ކަމަށް ހެމިލްޓަން ބުންޏެވެ.
ހެމިލްޓަން ފެރާރީއަށް ބަދަލުވުންވާނީ ފޯމިއުލާ ވަންގެ ތާރީޚުގައިވެސް އެއް ޓީމުން އަނެއް ޓީމަށް ޑްރައިވަރުން ބަދަލުވުމުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ބަދަލަށެވެ. ހެމިލްޓަން ފެރާރީއަށް ބަދަލުވުމާއެކު އޭނާގެ ޕާޓްނާއަކަށް ވާނީ ޗާލްސް ލެކްލާކްއެވެ. އަދި މިއާއެކު މިސީޒަން ވާނީ ކާލޯސް ސައިންޒް ފެރާރީގައި ހޭދަކުރާ ފަހު ސީޒަނަށެވެ.
ހެމިލްޓަން 2013 ވަނަ އަހަރު މެކްލެރަންއިން މާސިޑީޒްއަށް ބަދަލުވުމަށްފަހު މިހާތަނަށް ވަނީ ހަ ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ. ހެމިލްޓަން ބުނީ އޭނާ މާސިޑީޒްގައި ހޭދަކުރާ ފަހު ސީޒަން ކާމިޔާބު ސީޒަނަކަށް ހެދުމަށްޓަކައި އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.