02 Feb 2024, 13:15
އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗު ޔުނައިޓެޑް ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ތިން ލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ވުލްވްސްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. އަދި މިމެޗުގެ ފެށުން ރަނގަޅު ވެފައިވަނީވެސް ޔުނައިޓެޑްގެއެވެ. މިގޮތުން މެޗުގެ ފަސް ވަނަ މިނެޓްގައި ޔުނައިޓެޑުންވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.
އެ ލަނޑު އެޓީމަށް ޖަހައިދިނީ މާކަސް ރަޝްފަޑްއެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި ރަސްމުސް ހޮއިލުންޑް ޖަހާދިން ލަނޑައެކު އެޓީމްގެ ލީޑު ފުޅާކުރިއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ.
މިމެޗުގައި ވުލްވްސްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 71 ވަަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން ސްކޮޓް މެކް ޓޮމިނޭ ވަނީ ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖަހައިދީ އެޓީމަށް އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.
މިމެޗުގައި ވުލްވްސްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން މެކްސް ކިލްމަންއެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގައި ޕެޑްރޯ ނޭޓޯ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
މިލަނޑާއެކު މިމެޗު އެއްވަރުވެގެން ނިމިދާނެކަމަށް ހީވި ނަމަވެސް މިލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓް ފަހުން ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިޔާ ކޯބީ މައިނޫ ވަނީ ލަނޑެއް ޖަހާ މިމެޗުން ޔުނައިޓެޑް މޮޅުކޮށްދީފައެވެ. މިމެޗުގައި ވުލްވްސްއަށް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއްނުވިއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު ވަނީ ކުޅުނު 22 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައަށް ކުރިއަށް ޖެހިލާފައެވެ. ވުލްވްސް އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.