ދުވާފަރު ފާނާ ދޯނި، "ކަށަވަރު ހަތަރެއް" ހޮވި އަށް ކިލޯގެ ހުދަންބަރު މާވަހަރު ގަތުމަށް 5.1 މިލިއަން ރުފިޔާ ހުށައަޅައިފި އެވެ.

މިދިޔަ އާއްދީއްތަ ދުވަހު ހޮވި އަށް ކިލޯގެ ހުދަންބަރު ވިއްކާލަން މިއަދު މާލެ އައި ދޯނީގެ ކެޔޮޅު، ބުނީ މާވަހަރު ވިއްކަން މާލެ އައުމާއެކު ވަރަށް ގިނަ ބަޔަކު ބަލަން ދޯންޏަށް އެރި ކަމަށާއި މިހާތަނަށް އަގު ހުށައަޅާ ފައިވަނީ އެއްމެ ޕާޓީއަކުން ކަމަށެވެ. ފާނާ ދޯނީގެ ހުދަންބަރު ބާއްވާފައި އޮތީ ދޯނީގެ އައިސްފޮށީގަ އެވެ.

ކުއްޔަށް ދުއްވަމުން އަންނަ ފާނަ ދޯނީގެ ކެޔޮޅު ބުނީ މާވަހަރު ބަހާނެ ގޮތަކާ މެދު އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށާއި ފަޅުވެރިންނާއި އޮޑިވެރިޔާ ވާހަކަ ދެއްކުމަށް ފަހު މާވަހަރު ބަހާނެ ގޮތަށް އެއްބަސްވެ ނިމިފައިވާ ކަމަށެވެ. އެއްބަސްވީ ދޯނިގެ ވެރިފަރާތަށް ދެބައި ދިނުމަށް ފަހު މާވަހަރު ހޮވި ދުވަހު ފާނަ އަށް ދިޔަ 15 ފަޅުވެރިންނަށް އަނެއް ބައި ބަހާ ގޮތަށެވެ.

"މާވަހަރު ހޮވިއިރު ދޯނީގައި ތިބީ 15 މީހުން. މާވަހަރު ބަހާނެ ގޮތާއި މެދު ވަނީ މަޝްވަރާކޮށްފައި. ދޯނީގެ ވެރިފަރާތައް ދެބައި އަޅާގޮތަށް އަނެއް ބައި ފަޅުވެރިންނަށް ބަހާ ގޮތަށް މިހާރުވަނީ އެއްބަސްވެފައި. މާވަހަރު ބަލަން ވަރަށް ގިނަ މީހުން އެބައާދޭ. އެއް ފަރާތަކުން ވަނީ 5.1 މިލިޔަން ރުފިޔާ ހުށަހަޅާފައި،" ކެޔޮޅު ބުންޏެވެ.

ކަށަވަރު ހަތަރަކަށް މާވަހަރު ފެނުނީ ދުވާފަރާ ކައިރި ފަޅުރަށެއް ބޭރުގައި ފާނަ ބާނަން ތިއްބަ އެވެ.

"މާވަހަރެއް ނޫންކަމަށް ދޯނީގެ ބައެއް މީހުން ބުނި. އެކަމަކު ކެޔޮޅުގެ އިރުޝާދާ އެއްގޮތަށް މާވަހަރު ދޯންޏަށް ނެގީ،" ދޯނީގެ ފަޅުވެރިޔަކު ބުންޏެވެ.

ދުވާފަރު ދޯނި މާވަހަރު ބަހާނެ ގޮތަކާއިމެދު އެއްބަސްވެފައިވާއިރު މިމަހުގެ ތެރޭގައި ނައިފަރު ނަސްރު ދޯނި 20 ކިލޯ އަށް ވުރެ ބަރު ހުދަންބަރު މާވަހަރެއް ހޮވައި މާވަހަރު ބަހާނެ ގޮތަކާ މެދު ކެޔޮޅާއި އޮޑިވެރިމީހާ ދެބަސްވެ އަދިވެސް ވަނީ މައްސަލަ ހައްލު ނުވެ އެވެ.