02 Feb 2024, 00:34
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީއަށް ދަ ޑިމޮކްރެޓްސްއިން ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލާ ދާއިރާތަކަށް, އެ ޕާޓީން ވާދަ ކުރަން ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވައިލައިފިއެވެ.
މީގެ ކުރިން ދަ ޑިމޮކްރެޓްސްއިން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީން ވާދަ ކުރާނީ 41 ދާއިރާއަކަށް ކަމަށެވެ. ނަމަވެސް އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޕާޓީގެ އިންޓެރިމް ކައުންސިލުން ވަނީ މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރުމަށް ނިންމައިފައި ކަމަށާއި، އެ ނިންމުން ދެމެހެއްޓުމަށް ޕާޓީގެ ނެޝަނަލް އެސްބްލީގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެއްވެސް ކެންޑިޑޭޓަކު ކުރިމަތި ނުލާ ދާއިރާތަކަށް އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތެއްގެ ގޮތުގައި އެކަމުގެ ޝައުގުވެރިކަންފާޅުކޮށް ހުށަހެޅުމަށް ހުޅުވާލުމަށް ޕާޓީ ރައީސްގެ ކައުންސިލުން ނިންމައިފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.
މި ދާއިރާތަކުގައި ވާދަކުރުމަށް ކުރިމަތިލެވޭނީ އަންނަ އަންގާރަ ދުވަހުގެ 18:00ގެ ނިޔަލަށް ކަމަށް އެ ޕާޓީންވަނީ ބުނެފައެވެ.
މި މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ދެ ޝަރުތެއް ހުންނަން ޖެހޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެއީ:
ޕާޓީގެ ދަފުތަރުގައި ރަޖިސްޓާވެފައިވާ މެމްބަރެއްކަމުގައިވުން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތު ގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މީހެއް ކަމުގައިވުން
އިތުރަށް ޑިމޮކްރެޓުން ބުނީ، އިންތިޚާބަށް ވަގުތު ކުޑަތަން ވުމާއެކު، އެއް ދާއިރާއަކަށް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާނެ މީހަކު ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އެ ޕްރައިމަރީގައި ކެންޑިޑޭޓުން ހޮވަނީ ހަތަރު ދާއިރާއަކަށެވެ.
އިދިކޮޅު އެމްޑީޕީންގެ ޕްރައިމަރީ ވެސް ބާއްވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މިހާރު ކުރިއަށްދާ މަޖިލީހުގައި އެ ދެ ޕާޓީން އެއްކޮށް މަސައްކަތް ކުރަން އެއްބަސްވެފައިވާކަން މިދިޔަ ހަފުތާގައި އިއުލާން ކުރި ނަމަވެސް، މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ވަކިން ކަމަށް ދެ ޕާޓީން ވަނީ ބުނެފައެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު ބާއްވާނީ އަންނަ މާޗު މަހުގެ 17ގައެވެ.