02 Feb 2024, 11:31
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި" ރޭގައި ޕްރިމިއާ ކޮށްފިއެވެ.
ފިލްމުގެ ކާސްޓުންނާއި ކްރޫއާއެކު ފިލްމު ޕްރިމިއާ ކޮށްފައިވަނީ އޮލިމްޕަސް ސިނަމާގައެވެ. ފިލްމުގެ ޕްރިމިއާ އާއެކު ފިލްމުގެ ފުރަތަމަ ސްކްރީނިން ވެސް ވަނީ ރޭގައި ކުރިއަށް ގެންގޮސްފައެވެ.
ފިލްމު ބެލުމަށްފަހު ބައެއް އާންމުންނާއި ތަރީން ވަނީ ފިލްމާ ގުޅޭ ހިޔާލުތައް ފާޅުކޮށްފައެވެ. ބައެއް މީހުން ބުނާގޮތުގައި ފިލްމުން ހަމަ ރަނގަޅަށް ވެސް ބިރު ގަންނުވާލައިފިއެވެ. އެކްޓަރުންގެ ހުނަރަށް ވެސް އެއްބައި މީހުން ވަނީ ތައުރީފު ކޮށްފައެވެ.
ފިލްމުގައި ކުޑަ ކުއްޖެއްގެ ރޯލުން ފެންނަ ސާރާގެ އެކްޓިންއަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ފެންނަނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.
ފިލްމުގެ ޓްރެއިލާތަކާއި ބައެއް ޓީޒާތަކުން އެނގޭ ގޮތުގައި ފިލްމަކީ "ހޯންޓެޑް ހައުސް" ތީމުގެ ބިރުވެރި ފިލްމަކަށް ވެދާނެއެވެ. ކޮންމެއަކަސް މި ފިލްމުގައި ކަންބަޅީގެ ސިއްރާއި ހަގީގަތް ބަލައިލަން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު އެބަ އޮތެވެ.
ފިލްމުގެ އިތުރު ޝޯތަކުގެ ޓިކެޓުތައް ދޫކުރަމުން އަންނައިރު މި ފިލްމުގެ ޓިކެޓް ބުކް ކުރާނީ 7242555އަށް ގުޅާލައިގެން ނުވަތަ ވައިބާ ކޮށްލައިގެންނެވެ. ވައިބާއިން މެސެޖު ކޮށްލައިގެން އޮންލައިންކޮށް ޓިކެޓް ބުކް ކޮށްލެވޭނެއެވެ.