02 Feb 2024, 10:40
މަޝްހޫރު ފިލްމު "ސްލަމްޑޯގް މިލިއަނެއާ"އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ތަރި ދޭވް ޕަޓެލް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމު "މަންކީ މޭން"ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ.
ދޭވް ޑައިރެކްޓުކޮށް، ޕްރޮޑިއުސްކޮށް އަދި އެކްޓް ކުރާ މި ފިލްމަކީ އޭނާގެ އެކްޓިން ހުނަރުގެ އިތުރުން ކެމެރާގެ ފަހަތުން ހުނަރު ދައްކާލުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.
ފިލްމުގެ ޓްރެއިލާއިން ދޭވް ފެންނަނީ ޖޭމްސް ބޮންޑް ފަދަ ގަދަ ރޯލަކުންނެވެ. މުޅި ފިލްމުގައި އެކްޝަން އާއި ކޮމެޑީ ފެންނަ އިރު މަންޒަރުތަކުން އިންޑިއާގެ އާދަކާދަތަކާއި ބައެއް ކަހަލަ މަންޒަރުތައް ވެސް ފެނެއެވެ.
މަންކީ މޭން އަކީ ބޮޑު ސްޓްރީމިން ސާވިސް ނެޓްފްލިކްސް އާ ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގައެވެ. އެގޮތުން އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މި ފިލްމު ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ލިބޭނެއެވެ.
ފިލްމުގެ ކާސްޓުގައި ވެސް ހިމެނެނީ އިންޑިއާ އެކްޓަރުންނެވެ. އެގޮތުން ދޭވްގެ އިތުރުން ފިލްމުގެ ރޯލުތަކުން ފެންނާނީ ސިކަންދަރު ކޭރާއި ވިޕިން ޝަރުމާގެ އިތުރުން އަޝްވިނީ ކަލްޝޭކަރާއި ޝޮބިތާ ދުލިޕާލާ އަދި މަކްރަންޑީ ދޭޝްޕާންޑޭ އެވެ.
ދޭވް އަކީ ހޮލީވުޑް ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރަމުން އައިސްފައިވާ އެކްޓަރެކެވެ. ވަރަށް ކުޑައިރުން ފެށިގެން ފިލްމުތަކާއި ޝޯތަކުން ދޭވް ފެނިފައިވާއިރު އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދީ ސްލަމްޑޯގް މިލިއަނެއާ އިންނެވެ.
އެއަށްފަހު ވެސް ދޭވް ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ޕްރޮޖެކްޓުތަކުން ފެނިފައެވެ. އޭގެތެރޭގައި "ލަޔަން" އާއި "ގްރީން ނައިޓް" އަދި "ދަ މޭން ހޫ ނިއު އިންފިނިޓީ" ހިމެނެއެވެ.