30 May 2012, 17:06
ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރާ ނޭޝަނަލް އިންކްއަރީ ކޮމިޝަނަށް ވީހާ ވެސް އަވަހަށް ނަމެއް ހުށަހަޅުއްވައިދެއްވުމަށް އެދި ސަރުކާރުން ރައީސް މުހައްމަދު ނަޝީދަށް އިލްތިމާސްކޮށްފި އެވެ.
ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އިންކްއަރީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެންމެ ފަހުން ހުށަހަޅުއްވެވި ނަންފުޅު ސަރުކާރުން ގަބޫލުކޮށްފައި ވަނިކޮށް، އެ ނަންފުޅު އަނބުރާ ގެންދެވުމަކީ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވަން ރައީސް ނަޝީދު ބޭނުންފުޅު ނުވާ ކަމުގެ ހެއްކެއް ކަމަށެވެ. ޖޫން އެއްވަނަ ދުވަހުގެ ކުރިން ޝަރުތުތައް ފުރިހަމަވާ ބޭފުޅެއްގެ ނަން އަލުން ހުށަހަޅުއްވުމަށް ސަރުކާރުން އެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްފުޅުން އިންކްއަރީ ކޮމިޝަނަށް ފޮނުއްވާފައިވާ މަރިޔަމް މަނާލް ޝިހާބްގެ ނަންފުޅު ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށާއި މަނާލްގެ ނަންފުޅު ހުށަނާޅުއްވާ ކަމަށް ބުނެ ދައްކަވަމުން ގެންދާ ވާހަކަތަކަކީ ބަހަނާއެއް ކަމަށެވެ. އަދި ސަރުކާރުން ރައީސް ނަޝީދާއެކުވެފައިވާ އެއްވެސް އެއްބަސްވުމަކާ ހިލާފުވެފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޝަރުތު ހަމަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށްފަހު އަނބުރާ އެ ނަންފުޅު ގެންދެވުމަކީ މިކަމުގައި އެއްބާރުލުން ދެއްވަން އެބޭފުޅުން ބޭނުންނުވާ ކަމުގެ ހެއްކެއް. މަނާލްގެ ނަންފުޅު ހުށަނާޅުއްވަމޭ ކިޔައިންގެން ދައްކާ ވާހަކަ އަކީ ވެސް ބަހަނާއެއް. އެ ނަން ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އަދި ސަރުކާރުން އެ ނަންފުޅު ގަބޫލުކޮށްފައި ވަނިކޮށް އަނބުރާ ގެންދެވީ ވެސް. ސަރުކާރުން ނޯންނާނެ އެއްބަސްވުމަކާ ހިލާފުވެފައެއް،" އައްބާސް ވިދާޅުވި އެވެ.
ސަރުކާރުން މަނާލްގެ ނަންފުޅު ރައީސް ނަޝީދު ހުށަހެޅުއްވިކަން ހާމާކުރުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ރައީސް ނަޝީދާ މަޝްވަރާކުރެއްވުމެއް ނެތި އެ މަނިކުފާނު ހުށަހެޅުއްވި ނަންފުޅެއް މީޑިއާގައި ސަރުކާރުން އާއްމު ކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި އެކަމާ ރައީސް ނަޝީދު ކަންބޮޑުވެވަޑައިގެން އެކަމާ ހިތްހަމަޖެހިވަޑައި ނުގެންނަވާކަން ކޮމަންވެލްތާއެކު ރައީސް ނަަޝީދު ހިއްސާކުރައްވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންކްއަރީ ކޮމިޝަނަށް ނަންފުޅެއް ހުށަހެޅުއްވުމަށް ސަރުކާރުން ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ.