14:30


ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު އާއްމުކޮށް ހުންނަށް ވަރަށް ވުރެ މައްޗަށް ޖެހޭކަން ފާހަގަކުރެވެ އެވެ. އެގޮތުން މިއަހަރު ވެސް ވަނީ ކަނޑުމަހުގެ ބާވަތްތަކުން ފެށިގެން މޭވާ އާއި ތަރުކާރީގެ އަގު ވެސް މައްޗަށް ގޮސްފަ އެވެ.


ބަޒާރުގެ އަގުތަކަށް ބަލާއިރު، ކަރާ ކިލޯއެއް އިއްޔެ ވިއްކާފައި ވަނީ 15 ރުފިޔާ އާއި 20 ރުފިޔާ އާއި ދެމެދުގެ އަދަދަކަށެވެ. އެހެން ނަމަވެސް، މިދިޔަ އަހަރު ރޯދަ މަސް ފެށުނުއިރު 8 ރުފިޔާ އަދި 12 ރުފިޔާއަށް ކަރާ ކިލޯ އެއް ބާޒާރުން ލިބެން ހުއްޓެވެ. މީގެ އިތުރުން ބޭރުން އެތެރެކުރާ ޕެޝަން ފްރުޓް ކިލޯއެއް ބާޒާރުގައި 65 ރުފިޔާއަށް ލިބެން ހުރި ނަމަވެސް، ރާއްޖޭގައި ހައްދާ ޕެޝަން ފްރުޓް ކިލޯއެއްގެ އަގު އުޅެނީ 80 ރުފިޔާގަ އެވެ. ކުރީ ރޯދަ މަހު 2 ރުފިޔާއަށް ލިބެން ހުރި ދެންކެޔޮ 4 ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، 5 ރުފިޔާއަށް ކިލޯއެއް ވިއްކި ފަޅޮލުގެ އަގުވެސް މިއަހަރު އުޅެނީ ދެ ގުނަ މަތީގަ އެވެ. މޭވާގެ ބާވަތްތައް ވިއްކާ މީހުން ބުނި ގޮތުގައި، މިފަހަރު އެންމެ އަގު ބޮޑުވެފައިވަނީ ރާއްޖޭގައި ހައްދާ ބާވަތްތަކުންނެވެ. އެއީ މީހުން ޑިމާންޑްކުރާ ގޮތް ބޮޑުވުމާއި އަދި އެ ބާވަތްތައް ލިބޭ ގޮތް ވެސް މަދުވުމުން ކަމަށް އެ މީހުން ބުނެ އެވެ. އަލަނާސި އާއި، އޮރެންޖު އަދި ކުރުނބާ ފަދަ ބާވަތްތަކުގެ އަގު ހުރީ ކުރިން ވެސް ހުންނަ ވަރަށެވެ.


ގިނަ ފިހާރަތަކުން ފިޔާ އާއި އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކާއިރު، ލުނބޯ އާއި ކެބެޖު ކިލޯއެއް އުޅެނީ 40 އާއި 50 ރުފިޔާއަށެވެ. އަދި މިރުހުގެ އަގު ވަނީ ކިލޯ އެއް 300 ރުފިޔާގެ ރޭޓުގަ އެވެ.


ކަނޑުމަހުގެ ބާވަތްތަކުގެ އަގަށް ބަލާއިރު، ކުރިން 25 ރުފިޔާ އަށް ލިބެން ހުރި މަސް މިފަހަރަ ލިބެން ހުރީ 35 ރުފިޔާއަށް ވުރެ މަތީ އަގުތަކަށެވެ. ވަޅޯ މަހުގެ އަގުން ވެސް ގާތްގަނޑަކަށް 10 ރުފިޔާ ވަނީ ބޮޑުވެފަ އެވެ. ބައެއް ކެޔޮޅުން ބުނިގޮތުގައި، މަހުގެ އަގު ބޮޑުވަމުން ދަނީ، މަސްވެރިކަން ދަށްވުމުގެ ސަބަބުންނެވެ. އަދި ރޯދަ މަހު އާއްމުން މަސް ގަންނަ އަދަދު ވެސް ގިނަވުމުގެ ސަބަބުނެވެ.


ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، ރޯދަ މަހު ބާޒާރުގައި އަގުތައް މައްޗަށްދާ ސަބަބު ބެލުމަށް އެ ޖަމިއްޔާއިން ދިރާސާއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރޯދަ މަހު ކާބޯތަކެތީގެ އަގު މައްޗަށް ދާ އެންމެ ބޮޑު ސަބަބަކީ މާކެޓުގައި އާދަޔާ ޚިލާފަށް ޑިމާންޑް މަތިވެ، މީހުން ގަންނަން ބޭނުންވާ އަދަދަށް މާކެޓަށް އެތަކެތި ސަޕްލައިކޮށް ނުދެވޭތީ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.