01 Feb 2024, 21:01
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އިއްޔެ ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ދެ މީހުންނަށް ވެސް ޝަރީއަތް ނިމެންދެން ބަންދު ޖަހައިފައެވެ.
ނަމަވެސް އެ ދެ މީހުންނާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ ހާދިސާ ހިނގުމާ އެކު ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން އެ މައްސަލަ ތަހުގީގު ކުރަން ފެށި ކަމަށެވެ. އަދި، ޝަމީމަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން، ވަރަށް ބޮޑަށް ފޮރުވިގެން ތިބި ބައެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މައްސަލައިގެ ބާވަތުން މިއަދު އެ މައްސަލައާ ގުޅޭ ހުރިހާ މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ.
ސައިކަލެއްގައި އައި ދެ މީހަކު އިއްޔެ ހެނދުނު ވަނީ ޝަމީމަށް ހަމަލާދީ، އަތް ޒަޚަމުކޮށްލައިފައެވެ. ހަމަލާއަށް ފަހު، ސިފައިން މިހާރު ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ.
ޝަމީމްގެ ވާއަތުގައި ރެނދުލާފައިވާއިރު، ސަރުކާރުން ވަނީ އެ މައްސަލައިގައި ހުރިހާ ވަސީލަތަކާއި އިޚުތިޔާރެއް ބޭނުންކުރާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.