މާލެތެރެ ޕެޓްރޯލްކުރަމުން ގެންދިޔަ ދެ ފުލުހަކަށް އުސްފަސްގަނޑު ސަރަހައްދުގައި ތިބި ބަޔަކު ހަމަލާދީފި އެ މީހުންގެ އަތުގައި އޮތް ޓޯކީ ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ މިއަދު ގާތްގަނޑަކަށް 3:20 އެހާކަންހާއިރު ސައިކަލެއްގައި މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ދެ ފުލުހުން އުސްފަސްގަނޑާ އަރާ ހަމަވުމުން އެތަނުގައި ތިބި ބަޔަކު އެދެފުލުހުން ހިފަހައްޓައި ގަޔަށް ވެލިޖަހައި އަތުގައި އޮތް ވޯކީ ޓޯކީއެއް ފޭރިގެންފައިވާ ކަމަށެވެ.

"އެކިވަރުގެ ގެއްލުން ދީފައި ވަނީ. ގަޔަށް އަތްލައި ކޮށްފައި ގަޔަށް ވެލިޖަހާ ހަދާފައި ވަނީ. މިހާރު މިދަނީ ލިބިފައި ހުރި ގެއްލުންތައް ބަލަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އަދި މިހާތަނަކަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް އެކިއެކި ހަމަނުޖެހުންތަކާއި މުޒާހަރާތަކުގައި ފުލުހުންނަށާއި ފުލުހުންގެ ވެހިކަލްތަކަށް އަމާޒުކޮށްދޭ ހަމަލަތަކާއި ގެއްލުންތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން އިއްޔެ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ވަނީ ހަތަރު ފުލުހަކަށް އެކިވަރުގެ ގެއްލުންތައް ދީފަ އެވެ. އެގޮތުން ދެ ފުލުހެއްގެ ބޯފަޅާލައި އަންހެން ފުލުހެއްގެ ގަޔަށް އަތްލައި ފުލުހަކަށް ގަލުން ހަމަލާދިނުމުގެ އިތުރުން ފުލުހުންގެ ވެހިކަލް ތަކަކަށް ވެސް ވަނީ ގެއްލުންދީފައިވެ އެވެ.

ްްއިއްޔެގެ މުޒާހަރާއާ ގުޅިގެން އާންމުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައްވެފަ އެވެ.