އުސް ފަސްގަނޑު ބަލައި ފާސްކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، އެ ސަރަހައްދަަށް އެއްވި އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން ފުލުހުން ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްގެ އަނބިކަނބަލުން މައިމޫނާ ހަލީމް (މާނާ) މިނިވަން ކުރަން މަސައްކަތް ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދުގެ އަމިއްލަފުޅު ޓްވިޓާ އެކަންޓްގައި ވިދާޅުވެފައި ވަނީ ނަސީމްގެ އަނބިކަނބަލުން މާނާ ހައްޔަރު ކުރިކަން އެނގިވަޑައިގަތުމުން އެކަމާ ހިތާމަކުރެއްވި ކަމަށާއި ފުލުހުންގެ ހައްޔަރުން ވީހާ ވެސް އަވަހަކަށް މާނާ މިނިވަން ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވި ކަމަށެވެ.

"މާނާގެ [ހައްޔަރުކުރި] ވާހަކަ އަޑު އިވުމުން ވަރަށް ދެރަވި، އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން މާނާ އަވަހަށް ދޫކޮށްލާތޯ،" ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވަނީ ނަސީމާއި މާނާގެ ބޭފުޅަކު ރައީސް ވަހީދުގެ ޓްވިޓާ އެކަންޓްގައި ކޮށްފައިވާ ޓުވީޓަކަށް ޖަވާބުދެއްުވުމުގެ ގޮތުންނެވެ. ރާނިޔާ ނަަސީމްގެ ނަމުގައި ކޮށްފައިވާ އެ ޓްވީޓްގައި އޭނާގެ މަންމަ ދޫކޮށްލުމަށް އެދިފައިވެ އެވެ.

އެ ދެ ޓްވީޓާ ގުޅިގެން އެ އާއިލާގެ ބައެއް އެހެން މެންބަރުން ކޮށްފައިވާ ޓްވީޓްތަކުގައި ވެސް މާނާ ދޫކޮށްލުމަށާއި އިއްޔެގެ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކަށް އަނިޔާކޮށް ގިނަ ބަޔަކު ހައްޔަރުކުރި ކަމަށް ބުނެފައިވެ އެވެ. އަދި އެކަން އެމަނިކުފާނަށް އެނގިވަޑައިގެންނަވާތޯ ވެސް ސުވާލުކޮށްފައިވެ އެވެ.

މީގެއިތުރުން ރައީސް ވަހީދު އެ މާގާމުން އިސްތިއުފާ ދެއްވުމަށާއި މާނާ ދޫކޮށްލެއްވުމަށް މަސައްކަތް ކުރެއްވިއިރު އިއްޔެ ފުލުހުން ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔަ މީހުންގެ ތެރޭގައި ކުށެއް ނެތް އެތައް ބަޔަކު ތިބި ކަމަށާއި އެމީހުންނަށް އޮތް ގޮތަކީ ކޮބައިތޯ ވެސް ބައެއް ފަރާތްތަކުން ރައީސް ވަހީދުއާ ސުވާލުކޮށްފައިވެ އެވެ.

އޭގެ ފަހުން ރޭގެ ދަންވަރުގެ ވަގުތެއްގައި ރާނިޔާ ނަަސީމް ޓެގް ކުރައްވައި ރައީސް ވަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާނާ މިނިވަން ކޮށްފައިވާ ކަމަށް އެމަނިކުފާނު އަރިހުގައި ފުލުހުން ބުނެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި 58 މީހުންގެ ތެރޭގައި ދެ އަންހެނަކު ވެސް ހައްޔަރުކުރި ކަމަށާއި އެ ދެ އަންހެނުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

ސިޔާސީ ހަރަކާތްތައް ހިންގަން މާލޭ ސިޓީ ކައުންސިލުން އެމްޑީޕީ އަށް ދީފައިވާ އުސް ފަސްގަނޑުގައި ޖިނާއީ ކުށްތަކެއް ކުރަމުން ގެންދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ފުލުހުން އިއްޔެ އުސް ފަސްގަނޑަށް އަރައި، އެ ބިން ފާސް ކުރަމުން ދަނިކޮށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވަނީ އެ ސަރަހައްދަށް އެއްވެ މުޒާހަރާކޮށްފަ އެވެ.