01 Feb 2024, 13:51
މި އަހަރު ބާއްވާ 20ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ވޯޓު ފޮށި ހަ ގައުމެއްގައި ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އިއުލާނުކޮށްފިއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން އިއުލާނުކޮށްފައެވެ.
އެގޮތުން، ވޯޓު ފޮށި ބަހައްޓާ ގައުމުތަކަކީ:
އިންޑިއާ / ޓްރިވެންޑްރަމް
- މެލޭޝިއާ / ކުއަލަލަމްޕޫރް
- ސްރީލަންކާ / ކޮލަމްބޯ
- ތައިލެންޑް / ބެންކޮކް
- އިނގިރޭސިވިލާތް /ލަންޑަން
- އެކުވެރި ޢަރަބި ޢިމާރާތް / އަބޫދާބީ
އެ ކޮމިޝަނުން ބުނީ މި ފޮށިތަކަށް ވޯޓްލަނީ މި ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުން ކަމަށެވެ.
މީގެ އިތުރުން، ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ 37 ރިސޯޓެއްގައި ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދިނެވެ. އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، ޖަލުތަކުގައި ފަސް ފޮށި ބަހައްޓާނެވެ. އަދި، ސިނާއީ ސަރަހައްދުތަކުގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމަައިފައެވެ.
މުޅި ރާއްޖޭގައި ޖުމުލަ 608 ވޯޓުފޮށި ބަހައްޓާއިރު މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 50 ފޮށި އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮއްޓެވެ.
ފަރުދީ ޒިންމާ އަދާކުރެއްވުމަށްޓަކައި، އަދި ވޯޓުލާން ޖެހޭނީ ކޮންތާކު ހުންނަ ކޮން ފޮއްޓަކަށްކަން ދުރާލައި ބެލުމަށް އިލެކްޝަންސް ކޮމިޝަންގެ ހޮޓްލައިން 1414 އިން މަޢްލޫމާތު އޮޅުން ފިލުވުމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެދުނެވެ.
ގުޅައިގެން ނުވަތަ އެސްއެމްއެސް ކޮށްގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެސްއެމްއެސް ކުރާނީ VR (space) ID number ޖެހުމަށްފަހު 1414 އަށް ކަމަށް މައުލޫމާތު ދިނެވެ.
މިހާރު ކުރިއަށްދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ. މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ މާޗު 17 ގައެވެ. މާޗު 17 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވީ ނަމަވެސް އެ ދުވަސް ދިމާވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާއާއެވެ.
އެހެންކަމުން ރަމަޟާން މަހު އިންތިޚާބު ނުބޭއްވޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރު މަޖިލީހުން އަންނަނީ ކުރަމުންނެވެ. އެހެންވެ، މަޖިލިސް އިންތިޚާބު އޮންނަ ދުވަސް ފަސްވުމަކީ އެކަށީގެންވާ ކަމެކެވެ.