01 Feb 2024, 09:06
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި މުޅި ދުނިޔެއަށް ދައްކައިދިން ފޮޓޯ ޖާނަލިސްޓު މޯތާޒް އަޒައިޒާގެ ވަރުގަދަ މެސެޖެއް ދުނިޔޭގެ ލީޑަރުންނަށާއި އޭނާގެ ސަޕޯޓަރުންނަށް ދީފިއެވެ.
ޣައްޒާގެ ހަނގުރާމައިގެ މާހައުލުގައި 108 ދުވަސް ހޭދަކުރުމަށް ފަހު މޯތާޒް، ޣައްޒާ ދޫކޮށް ގަތަރަށް ފުރާފައިވަނީ މި ނިމުނު ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
މޯތާޒް ޣައްޒާ ދޫކޮށް ދިއުމަށް ފަހު އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ 108 ދުވަސް ވަންދެން ޣައްޒާގައި ހޭދަކުރި ދުވަސްތައް ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ކަމަށެވެ. އެއް މަސް ދުވަސް ވަންދެން އޭނާގެ ދިރިއުޅުމުން މަގުމަތީގައި ހޭދަކުރީ ގެއަށް އާއިލާގެ ގާތަށް ގޮސްފިނަމަ އޭނާގެ ސަބަބުން އާއިލާ އިޒްރޭލުގެ ޝިކާރައަކަށް ވެދާނެކަމުގެ ބިރު ހީވުމުން ކަމަށާއި އެ ދުވަސްތައް މިއަދު ވެސް ލޯމަތިން ސިފަވަމުންދާ ކަމަށް މޯތާޒް ވަނީ ބުނެފައެވެ.
މިދިޔަ އަންގާރަ ދުވަހު އަލް ޖަޒީރާގެ ދަ ސްޓްރީމް ޕްރޮގްރާމަށް ދިން އިންޓަވިއުގައި އޭނާ ބުނީ ޣައްޒާއިން ބޭރުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމުގައި އެހީތެރިވެދިނުން ކަމަށެވެ.
ޣައްޒާއިން ބޭރުވާން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވަން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ލީޑަރުން ނުކުޅެދިފައިވަނީ ކީއްވެތޯ ބަލަން އޭނާ ބޭނުންވާ ކަމަށް މޯތާޒް ވަނީ ބުނެފައެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މޯތާޒްއާ އެކު ހީ މަޖާކޮށް އުޅުނު ގާތް ރަޙުމަތްތެރިން އޭނާއާ ވަކިވެފައިވާ ކަމަށް ބުނަމުން ހިތްވަރު ގަދަ ފޮޓޯގްރާފަރު ބުނީ ކުރިމަތިން ފެންނަ މަންޒަރުތަކުން ހިތަށް ކުރުވާ އަސަރުތަކާ އެކު އިތުރަށް މަސައްކަތް ކުރުމުގެ ހިތްވަރު އޭނާއަށް ނުލިބުނު ކަމަށެވެ.
އޭނާގެ ކެމެރާގެ ލެންސްގެ އެހީގައި ކުރިމަތިން ފެންނަމުންދިޔަ ލާއިންސާނީ އަމަލުތަކާ އެކު ޣައްޒާގެ އެތައް ހާސް ބައެއްގެ ދިރިއުޅުމުގެ ހަޤީޤަތް ދުނިޔޭގެ އެތަކެއް މިލިއަން މީހުންނަށް ފޯރުކޮށްދެވުނު ކަމަށް މޯތާޒް ވަނީ ވަރަށް އަސަރާ އެކު ކިޔައިދީފައެވެ. ނަމަވެސް އިޒްރޭލާ ދެކޮޅަށް އަޑު އުފުލާ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރި ތަން ފެނުނީ މަދު ޤައުމަކުން ކަމަށާއި ފަހު ވަގުތު، އެކަމަށް ފިޔަވަޅު އެޅުމުގައި އެ ޤައުމުތަކަށް ވެސް ކުރިމަތިވީ ނާކާމިޔާބީއާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ދުނިޔޭގެ ގިނަ ބަޔަކު އޭނާއަކީ ހީރޯއެއް ކަމަށް ސިފަކުރިޔަސް ހީރޯއަކަށްވާން ބޭނުންނުވާ ކަމަށް މޯތާޒް ވަނީ ބުނެފައެވެ.

މޯތާޒް ޣައްޒާގައި ތިބި އޭނާގެ ރަޙްމަތްތެރިންނާ އެކު --
އިޒްރޭލުން އެއްވެސް ރަހުމެއް ނެތި ޣައްޒާގެ އެތައް ބަޔަކު މަރަމުންދާ ކަމަށާއި މޯތާޒްގެ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް މަސައްކަތް ކުރާނީ އޭނާގެ ޤައުމުގެ ރައްޔިތުންގެ އަޑު މުޅި ދުނިޔެއަށް އިއްވައިދިނުމަށް ކަމަށް މިދިޔަ އަންގާރަ ދުވަހު 25 އަހަރު ފުރުނު ޒުވާނާ ވަނީ ބުނެފައެވެ.
ޣައްޒާގެ ރައްޔިތުން އުޅޭ ޙާލު ދުނިޔޭގެ އެތައް ބަޔަކަށް ލޯމަތިން ފެންނައިރު އެކަން ނުފެންނަ ކަމަކަށް ހަދާލައިގެން ދުނިޔޭގެ ލީޑަރުން އުޅޭތީ އެކަމާ ހައިރާންވާ ކަމަށް މޯތާޒް ވަނީ ބުނެފައެވެ.
އަލްޖަޒީރާގެ ދަ ސްޓްރީމް ޕްރޮގްރާމް ނިންމައިލަމުން ހޯސްޓު އެނެލީސް ބޯޖްސް ކުރި ސުވާލުގެ ޖަވާބުގައި މޯތާޒް ބުނެފައިވަނީ، ޣައްޒާގެ ކުށެއް ނެތް އެތަކެއް ރައްޔިތުންނާއި ކުޑަ ކުދިންތަކެއް ދިރި ތިއްބާ މަރަމުންދާ މަންޒަރުތައް ދައްކުވައިދޭ 'ސޯޝަލް މީޑިއާ ޕޯސްޓު'ތަކަށް އޭނާ ބޭނުން ވަނީ ބައެއްގެ މިލިއަން 'ލައިކްސް'ތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ ބަޔަކު ކަމަށާއި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަކަށް ގެނައުމަށް ކަމަށް އޭނާ ބުންޏެވެ.
އިޒްރޭލާ އެކު ސުލްހަވެރިކަމާ އެކު މަސައްކަތް ކުރުމަށް ފަލަސްތީނުން މަސައްކަތް ކުރަން ބޭނުންވި ނަމަވެސް އެ ހައްގު ވެސް އިޒްރޭލުން ނިގުޅައިގެންފައިވާ ކަމަށް ބުނެ މޯތާޒް ބުނީ އޭނާ ފަދަ ޒުވާނުންގެ އަޑު ކުރިއަށް ވުރެ ދެން ގަދަވާނެ ކަމުގައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 26،000 އަށްވުރެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ވަނީ 60،000 އަށްވުރެ މަތިވެފައެވެ.
ޖުމުލަ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ 85 އިންސައްތަ މީހުންނަށް ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އެ ސިޓީއަށް ބޭނުންވާ އިންސާނީ އެހީ ލިބުން އޮތީ ވަރަށް ބޮޑަށް ދަތިވެފައެވެ. ހަމަލާތައް އެންމެ ވަރުގަދައަށް އަމާޒުކުރަމުން އަންނަނީ ޣައްޒާގެ ހަސްފަތާލުތަކަށެވެ. އެހެންވެ، ޣައްޒާގެ ހުރި ގާތްގަޑަކަށް ހުރިހާ ހަސްފަތާލެއް ވަނީ ބަންދުކުރަން ޖެހިފައެވެ.