ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުން ދިޔަ 16 އަހަރުގެ ކުއްޖަކު ރޭ މަރާލުމުން ދޭހަވަނީ މުޖުތަމައު އެކަތި ގަނޑަކަށް ވާން ވެއްޖެކަމުގެ ނިޝާނެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަރުހަމްގެ މަރާ ގުޅިގެން މިނިސްޓަރު ޑރ. އާސިމް ނޫސްވެރިނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ އަރުހަމް މަރާލި މީހުނަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނޭ ކަމަށާއި މިކަމާ ދެކޮޅަށް މުޅި މުޖުތަމައު ތެދުވަން ޖެހިފައިވާ ކަމަށެވެ.

"އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ގޮތަކަށް ގަބޫލުކުރާނެ ކަމެއްނޫން ސުކޫލުތެރޭގައި ވެސް އަދި ސުކޫލުން ބޭރުގައި ވެސް މާރާމާރީ ހިންގުމަކީ. އަދި ހާއްސަކޮށް ސުކޫލު ކުދިންނަކީ މުޖުތަމައުގެ ލޯބި ލިބެން ޖެހޭނެ ބައެއް. އެހެންކަމުން މިކަން ހުއްޓުވުމަށް އަހަރެމެން އެންމެން ތެދުވަން ޖެހޭ،" އާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާރާމާރީ ފަދަ އަމަލުތަކުގެ ތެރެއަށް ކުދިންނަށް ވަދެވޭ ސަބަބުތައް ބަލަން ޖެހޭ ކަމަށާއި ކުދިންގެ އަހުލާގީކަންކަމުގައި ބެލެނިވެރިން މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އަރުހަމްގެ މަރާލި މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ވެސް ކުށްވެރިކުރި އިރު ހިއުމަން ރައިޓުސް ކޮމިޝަނުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ހިއުމަން ރައިޓުސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނަނީ 16 އަހަރުގެ ކުއްޖަކު ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައި ވާތީ އިންސާނިއްޔާތާ ހިލާފް އެ އަމަލު އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މިފަދަ އަނިޔާވެރި އަމަލުތަކަކީ މިފަދަ އިސްލާމީ މުޖުތަމައު އެއްގައި ހިގައިގެންވާނެ ކަމެއް ނޫން. މިޖަރީމާ ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް އަވަހަށް ގެނެސް ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށް ގޮވާލަން." އެބަޔާނުގައިވެ އެވެ.

އަދި އެބަޔާނުގައި ބުނެފައި ވަނީ މިފަހަކަށް އައިސް މުޖުތަމައުގައި ބޮޑެތިކުށްތަކަށް އަރައިގަނެ އަދި އެ ކުއްތަކުގެ ޝިކާރައަކަށް ކުޑަކުދިން ވާތީ އެކަމާއި ހިތާމަކުރައްވާ ކަމަށެވެ.

ޒަހަމްތަކަކާއި އެކު 16 އަހަރުގެ އަރުހަމް މަރާލައިފައި އޮއްވައި ފެނިފައި ވަނީ މިއަދު ހެނދުނު ކުއްލިޔާގެ އިރަށް އޮންނަ ހަނި ގޯޅި ޕާކް ތެރެއިން ނެވެ. އޭނާގެ ހަތަނަކަށް ވަޅި ހަރައި ޒަހަމް ކޮށްލާފައިވާ އިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.