01 Feb 2024, 07:29
ތަފާތު އެކި ސްޓްރީމިންގް ޕްލެޓްފޯމްތަކުން ފުރުސަތުތައް ނުލިބުނު ނަމަ އަދިވެސް ހުންނާނީ ވަޒީފާ ނެތް މީހެއްގެ ގޮތުގައި ކަމަށް ބަތަލާ ނެހާ ދޫޕިއާ ބުނެފިއެވެ.
ފިލްމު "ސިންގް އިޒް ކިންގް" އަދި "ގަޔާމަތު"ގެ ބަތަލާ ބުނީ އޯޓީޓީ ޕްލެޓްފޯމްތަކުން ފުރުސަތު ލިބި ޑިޖިޓަލް ދާއިރާއަށް ނުކުމެވުނީ 2016ވަނަ އަހަރު ސްޓްރީމްކުރަން ފެށި އަމިއްލަ ޕޮޑްކާސްޓް ޝޯ "ނޯ ފިލްޓާނެހާ"ގެ ސަބަބުން ކަމަށެވެ.
ޑިޖިޓަލް ދާއިރާއަށް ނުކުތްތާ ދެ އަހަރު ފަހުން ނެހާ ވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ނެޓްފްލިކްސް އެންތޮލޮޖީ "ލަސްޓް ސްޓޯރީ"ގެ ސެގްމެންޓަކުން ފެނިފައެވެ. ބޮލީވުޑްގެ އެކްޓަރު އަންގަދް ބެދީއާ ކައިވެނިކޮށް ދެ ކުދިން ވެސް ލިބިފައިވާ ބަތަލާ ފިލްމީ ދާއިރާއިން ދުވަސްކޮޅަށް ގެއްލުނީ ކައިވެންޏަށް ފަހުއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ނެހާ ވަނީ ފިލްމީ މަސައްކަތްތަކަށް އެނބުރި ނުކުމެފައެވެ. ވިހެއުމަށް ފަހު ނެހާ ފެނުނު މަގުބޫލު ފިލްމުތަކުގެ ތެރޭ "ތުމާރީ ސުލޫ"، "ހެލިކޮޕްޓަ އީލާ"، "ދޭވީ" އަދި "އަ ތާޒްޑޭ" ހިމެނެއެވެ.

ބަތަލާ ނެހާ ދޫޕިއާ އަދި އެކްޓަރު ކާތިކް އާރްޔަން-- ފޮޓޯ/ ބޮލީވުޑްހަންގާމާ
ފިލްމީ ދާއިރާގައި ދުރުގައި ހުރި ދުވަސްވަރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޝައުގު އުފެދުނު ކަމަށާއި އެހެންނަމަވެސް އެކަމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން އިހުސާސް ކުރެވުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މީޑިއާތަކާ އެކު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ނެހާ ބުނީ މިދިޔަ އަހަރު އެކަނި ވެސް އޭނާ ވަނީ އޯޓީޓީ ޕްލެޓްފޯމްތަކަށް ތިން ޝޯ ހުށަހަޅައިދީފައެވެ.
ސްޓްރީމިން ޕްލެޓްފޯމްތަކުން ގެނެސްދޭ ޝޯތަކަކީ އޯޑިއަންސް ޝައުގުވެރިކަމާ އެކު އަޑު އަހާ އަދި ބަލައި ޝޯތައް ކަމަށާއި އުފެއްދުންތެރި ޝޯތައް ގެނެސްދޭނަމަ އެހުންތެރިން ވެސް އަދި ބެލުންތެރިންގެ ޝައުގުވެރިކަން އެހެން ދިމާލަކަށް ނުދާނެކަމަށް ނެހާ ވަނީ ބުނެފައެވެ.
ނެހާގެ އަމިއްލަ ޕޮޑްކާސްޓް ޝޯ "ނޯ ފިލްޓަނެހާ"ގެ ހަވަނަ ސީޒަން މިދިޔަ މަހު ޖިއޯ ޓީވީ މެދުވެރިކޮށް ވަނީ ސްޓްރީމް ކުރަން ފަށައިފައެވެ.