ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު ދާދިފަހުން ސޮއިކުރި ފިލްމު "ލަވް އެންޑް ވޯ" ކުޅެން އެއްބަސްވެފައި ވަނީ ހާއްސަ ޝަރުތުތަކަކާ އެކު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުންފުނިން މިދިޔަ ހަފުތާގެ ތެރޭ އިއުލާނު ކުރި މި ފިލްމުގެ ލީޑް ތަރިންގެ ތެރޭ ރަންބީރު ކަޕޫރުގެ އިތުރުން ބަތަލާ އާލިއާ ބަޓް އަދި ވިކީ ކޯޝަލް ހިމެނެއެވެ.

ރަންބީރުގެ ދެމަފިރިން އެކީގައި ކުޅޭ ދެވަނަ ފިލްމަށް އެކްޓަރު އެއްބަސްވެފައި ވަނީ ރަންބީރަށް ފަސޭހަ ވަގުތުތަކުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދިއުމަށާއި ޖުމްލަ 270 ދުވަސްތެރޭ ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ޝަރުތުކޮށްފައެވެ. މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އެނިމަލް"ގެ ލީޑް އެކްޓަރުގެ މި ޝަރުތުތަކަށް ސަންޖޭ ވަރަށް އަވަހަށް އެއްބަސްވި ކަމަށާއި ކޮންމެ ފަދަ ޝަރުތަކާ އެކު ވެސް ޕްރޮޑިއުސަރު ބޭނުންވަނީ ރަންބީރު ހިމަނައިގެން ފިލްމު އުފައްދަން ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރަންބީރުގެ މި ޝަރުތުތަކަކީ މި އަހަރުތެރޭ އިތުރު އެހެން ފިލްމުތަކަށް ވަގުތު ހުސްކުރުމުގެ އިތުރުން ދަރިފުޅު ރަހާއާ އެކު ވަގުތު ހޭދަކުރުމުގެ މަގުސަދުގައި ކުރި ޝަރުތުތަކެއް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ ތަރިން-- ފޮޓޯ/ އިންޓަނެޓް
ކާމިޔާބު ރީތި ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ސަންޖޭ ބަންސާލީއާ އެކު މީގެ ކުރިން ވެސް ރަންބީރު މަސައްކަތް ކޮށްފައިވާއިރު ރަންބީރުގެ ބޭނުންވާ ގޮތަށް ފިލްމުގެ މަސައްކަތް ކުރުމަކީ ބަންސާލީއަށް މާ އުނދަގޫ ކަމެއް ނޫންކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "އެނިމަލް"ގެ ކާމިޔާބީއަށް ފަހު ރަންބީރު ވެފައިވަނީ ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެކްޓަރުންގެ ތެރޭގައެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން ސަންޖޭގެ ފިލްމު "ލަވް އެންޑް ވޯ"އަށް ރަންބީރު ހުށަހަޅާފައި ވަނީ ވެސް ވަރަށް ކުޑަ އަގެކެވެ. މިއީ އެކްޓަރު ފިލްމު ކުޅެ ދޭ އަގު މަތިކުރި ފަހުން ހެޔޮ އަގެއްގައި ކުޅެދޭ ފުރަތަމަ ފިލްމު ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.