30 May 2012, 15:55
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ އުފެއްދި ދިވެހި ފިލްމު ޔޫސުފުގެ ވަގު ކޮޕީ ހެދި މީހާގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ ހަ މަހަށް އަރުވާލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކުރީ ޔޫސުފު ފިލްމުގެ ވަގުކޮޕީ ހެދި މައްސަލައިގައި ޅ. ނައިފަރު، ހަވީރީހިޔާ، ހައްސާން އަލިފުޅުގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށް ފަހުގަ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު މިއަދު އިއްވެވި ހުކުމްގައި ބުނަނީ ޖުލައި 31، 2008ގައި ކްރިސްޓަލް ކޮމްޕެނީ އާއި ހައްސާން އަލިފުޅާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޭނާއާ އެފިލްމު ހަވާލުކޮށްފައި ވަނިކޮށް އޭގެ ވަގުކޮޕީ ހެދިކަން ހެކީންގެ ހެކިބަހުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެ ފިލްމުގެ ވަގުކޮޕީ ހަދައި ވިއްކުމުން ކްރިސްޓަލް ކޮމްޕެނީ އަށް ލިބުނު ގެއްލުމުގެ ބަދަލު އޭނާގެ އަތުން ހޯދުމަށް ދައުލަތުންް އެދުނު ނަމަވެސް އެކަމުގެ ސަބަބުން 800،000 ރ.ގެ ގެއްލުމެއް އެ ކުންފުންޏަށް ވާނެ ކަމަށް ދައުލަތުން ބުނެފައި ވަނީ ލަފާކޮށް ކަމަށެވެ. އެހެންކަމުން ކްރިސްޓަލް ކޮންޕެނީ އަށް ލިބުނު ގެއްލުމުގެ މިންވަރު ސާފުވާން ނެތުމުން ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތްކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
ދެހާސް އަށް ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ފުލުހުން ގޮސް އޭނާގެ ގޭގައި ހުރި ކޮމްޕިއުޓަރުގެ ހާޑްޑިސްކު ޗެކްކުރި އިރު އެ ހާޑުޑިސްކުން އެ ފިލްމުގެ ކޮޕީއެއް ވަނީ ފެނިފަ އެވެ.
"ޅ.ނައިފަރު، ހަވީރީހިޔާ ހައްސާން އަލިފުޅު ހަ މަސް ދުވަހުގެ މުއްދަތަށް އަރުވާލަން ހުކުމްކޮށް، އަދި ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް 800،000ރ ގެ ގެއްލުންވާނެކަމަށް ބުނެފައި ވަނީ ލަފައެއްގެ މައްޗަށް ބިނާކޮށްކަން އެނގެން އޮތުމުން، ގާނޫނުލް އުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅާނެތަނެއް ނެތް ކަމާއި، އަދި ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުމުގެ މިންވަރު ސާފުވާން ނެތުމުން އެ ބަދަލުވެސް މިގަޒިއްޔާގެ ތެރެއިން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިން ހުކުމް ކޮށްފީމެވެ.