ޓެކްސަސް (މެއި: (30 ޓެކްސަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީވެސް މިޓް ރުމްނީ ކާމިޔާބުކުރައްވައިފި އެވެ. މިކާމިޔާބީއާ އެކު ރުމްނީ އަށް ވަނީ ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާނެ ކެންޑިޑޭޓް މަޤާމް ލިބިވަޑައިގެންފަ އެވެ.

އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީ ބުނި ގޮތުގައި ޓެކްސަސްގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ މިޓް ރުމްނީ ކާމިޔާބު ކުރެއްވުމުން ރުމްނީ ވަނީ ރިއާސީ ކެންޑިޑޭޓަކަށް ވުމަށް ބޭނުންވާ ޑެލިގޭޓުންގެ އަދަދު ލިބިވަޑައިގެންފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ރިއާސީ ކެންޑިޑޭޓަކަށް ވުމަށް ބޭނުންވާ ޑެލިގޭޓުންގެ އަދަދަކީ 1144 އެވެ. މިޢަދަދު ރުމްނީ މިހާރު ކާމިޔާބު ކުރައްވާފައިވީ ނަމަވެސް ރިޕަބްލިކަން ޕާޓީގެ ރިއާސީ ކެންޑިޑޭޓްގެ ގޮތުގައި އޭނާ ހަމަޖެހުނުކަން ރަސްމީގޮތުން އެ ޕާޓީގެ ފަރާތުން އަދި އިޢްލާނެއް ނުކުރެ އެވެ.

މިކަން އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހު ފްލޮރިޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ކަމަށް ޚަބަރު ލިބެ އެވެ. ރުމްނީއަކީ މުއްސަނދި ބޭފުޅެއްގެ އިތުރުން އެމެރިކާގެ އެލީޓުންގެ ފަންތިއަށް ނިސްބަތްވާ ހަރުކަށި ކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅެކެވެ. އެމެރިކާގެ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި ތަޅާފޮޅުމަށް ހިއްވަރުދެއްވައި ޕްރައިމަރީ ކޭމްޕޭންތަކުގައި ރުމްނީ ވަރަށް ހަރުކަށި ޢިބާރާތުން ވާހަކަ ދައްކަވާފައިވެ އެވެ. އެމެރިކާގެ ރައްޔިތުންގެ ތާއީދު ރުމްނީއަށް ވުރެ އޮބާމާ އަށް މާބޮޑު ކަމަށް ޚިޔާލު ހޯދުމުގެ ސަވޭތައް ދައްކާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)