30 May 2012, 15:41
ކަނޑުމަހާއި ފަރުމަސް މަސްކެއުމަކީ ތޫނިފިލަކަމަށް މަގުފަހިވާ ކަމެއްކަމަށް ކަމާ ބެހޭ ދިރާސާތަކެއް ކުރި އިނގިރޭސި ރީސާޗަރުންގެ ޓީމަކުން ބުނެފި އެވެ.
މިޓީމުގެ ވެރިޔާ ޕްރޮފެސަރު ފިލިޕާ ޖެކްސަން އާ ޙަވާލާދީ ޑެއިލި ޓެލެގްރާފް ނޫސް ބުނި ގޮތުގައި ކަނޑުމަހާއި ފަރުމަހުގައި ހުންނަ ސެޓުރޭޓެޑް ފެޓީ އެސިޑް ނުވަތަ އޮމެގާ ތިނަކީ ސިކުނޑި ތާޒާކޮށް ވިސްނުން ރަނގަނޅުކޮށް ތޫނުފިލިކަމަށް މަގުފަހިކޮށްދޭ މާއްދާއެކެވެ. މިމާއްދާ ކަނޑުމަހަށް ވުރެ ގިނައީ ފަރުމަހުގައި ކަމަށާއި މަހުގެ އިތުރުން އެކިބާވަތްތަކުގެ ފަތާއި ތަރުކާރީ ތެލުގައި ވެސް ގިނަ ޢަދަދަކަށް މިމާއްދާ ހުންނަކަމަށް އިނގިރޭސި ރީސާޗަރުންގެ ޓީމުން ބުނެއެވެ. ޕްރޮފެސަރު ފިލިޕާ ޖެކްސަން އާ ޙަވާލާދީ ޑެއިލި ޓެލެގްރާފް ބުނާ ގޮތުން އާންމުކޮށް ކަނޑުމަހާއި ފަރުމަސް ކެއުމަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ ހަނދާންނެތުން ފަދަކަންކަންވެސް ކުޑަކޮށްދޭ ކަމެކެވެ.
މީގެއިތުރުން މަސްކެއުމަކީ މަސައްކަތާއި ވިސްނުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ވަރުބަލިކަން ފިލުވައި ސިކުނޑިއަށް ލޭ ފޮނުވައިދިނުން ރަނގަނޅުކޮށްދޭ ކަމެއްކަން ދިރާސާތަކުން ހާމަވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކަނޑުމަހާއި ފަރުމަހުގެ ފައިދާއާ ބެހޭ ދިރާސާކުރި އިނގިރޭސި ޓީމުން ވަނީ 18 އަހަރާއި 35 އަހަރުގެ ބަޔަކަށް މަސްކާންދީގެން އެމީހުންގެ ސިކުނޑިއަށް އަންނަ ބަދަލުތައް ދިގުމުއްދަތަކަށް ބަލާފަ އެވެ.
މިބެލުންތަކުން ހާމަވާގޮތުން ކަނޑުމަހާއި ފަރުމަހުގައި ހިމެނޭ އޮމެގާ 3 (ޑީއެޗްއައި) އަކީ ސިކުނޑީގެ ވަޒީފާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގައި ވަރަށް ބޭނުންތެރި އަދި މުހިއްމު މާއްދާއެކެވެ. މިމާއްދާ ހަށިގަނޑުގައި މަދު ނަމަ ވިސްނުން ކޮށިވުމާއި ހަނދާންނެތުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރްސަތު ބޮޑުވުމުގެ އިތުރުން ސިކުނޑި ވަރުބަލިވުމުގެ ފުރްސަތުވެސް ބޮޑުވާނެ ކަމަށް އިނގިރޭސި ރީސާޗަރުންގެ ޓީމުން ބުނެއެވެ. (ޑެއިލީ ޓެލެގްރާފް)