ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ހެނދުނު ބަޔަކު ދިން ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވުމުން، އެ މައްސަލައިގައި އެނގިވަޑައިގަންނަވާ މައުލޫމާތުތައް ފުލުހުންނާ ހިއްސާކޮށްދެއްވަން އެ މަނިކުފާނުގެ ކިބައިން ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފިއެވެ.

މިއަދު ހެނދުނު ސައިކަލެއްގައި އައި ދެ މީހަކު ވަނީ ޕީޖީ ޝަމީމަށް ހަމަލާ ދީފައެވެ. ހަމަލާގައި ލިބުނު ޒަޚަމުތަކަށް އޭނާ ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

އެ ހަމަލާ ކުށްވެރިކޮށް، ޞާލިޙް މިއަދު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ، އެއީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަަށް ވިދާޅުވެފައެވެ. އަދި، ސިޔާސީ މަގުސަދުތަކަށް ދެވޭ ހަމަލާތަކަށް ޑިމޮކްރަޓިކް މުޖުތަމައެއްގައި ޖާގަ ނޯންނާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޞާލިޙްގެ ޕޯސްޓަށް ރައްދުދެއްވައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، އެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ޞާލިޙް ނިންމެވުމުން، އެ މަނިކުފާނަށް ހަމަލާއާ ގުޅޭ އިތުބާރުހުރި މައުލޫމާތު އެނގޭ ކަމަށް ދޭހަވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގައި އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް ހިއްސާ ކޮށްދެއްވަން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

"މިކަމުގައި ކުރީގެ ރައީސް [ޞާލިޙް] ގެ އޮފީހާ ކޯޑިނޭޓު ކުރުމަށް ވެސް އިންވެސްޓިގޭޓަރުންނަށް އަންގާފައި ވާނެ،" އިހުސާންގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެންމެ އިސްކަންދޭ މައްސަލައެއްގެ ގޮތުގައި ކަމަށާއި މި އަމަލު ހިންގި މީހުން ހައްޔަރުކޮށް، އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހަމަލާ ކުށްވެރިކޮށް ޞާލިޙް ރައީސްކަން ކުރައްވާ އެމްޑީޕީން ނެރުނު ބަޔާނުގައި ވެސް ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، މިއީ ސަރުކާރުގެ ވެރިން ކުށްކުރާ ގްރޫޕުތަކަށް ހިމާުޔަތްދޭތީ ވާގޮތެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ހަމަލާއަށް ފަހު، ސިފައިން ވަނީ ޕީޖީ ޝަމީމްގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.