ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރަށް ފަހު ޓީމް ދޫކޮށް ދާން އުޅޭ ކަމަށް ޓީމުގެ ބައެއް ކުޅުންތެރިންނާއި އަދި އެހެނިހެން ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ ދޮގު ކަމަށް ވީބީ އައްޑޫ އެފްސީގެ ތުރުކީ ކޯޗް ޖޭން ވަންލީ ބުނެފި އެވެ.

ސަންއޮންލައިނާ ވާހަކަ ދައްކަމުން ވަންލީ ބުނީ، ޓީމް ދޫކޮށް ދާން އުޅޭ ވާހަކަތަކަކީ ބަޔަކު ފަތުރަމުން އަންނަ ދޮގު ވާހަކައެއް ކަމަށާއި އެ ވާހަކަތައް އާމުންގެ ތެރޭގައި ފެތުރުމުގައި އުޅެނީ ވަކި ބައެއް ކަމަށެވެ. އެހެން ނަމަވެސް އެބަޔަކީ ކޮން ބައެއް ކަމެއް ވަންލީ ހާމަކޮށްފައެއް ނުވެ އެވެ.

"އަހަރެން ވީބީ ދޫކޮށްލާކަށް ނޫޅެން. އަހަރެންގެ ކޮންޓުރެކްޓް އަދި ހަމައެއް ނުވޭ. އެކަމަކު ލީގުގެ ފުރަތަމަ ބުރު ނިންމާލުމަށް ފަހު އަހަރެން އަހަރެންގެ އާއިލާކާރިއަށް ދާން މިއުޅެނީ. ކޮންމެހެން ޓީމު ދޫކޮށްލާފަ ދާކަށެއް ނޫން'،" ވަންލީ ބުންޏެވެ.

ފާއިތުވި ދެ ސީޒަންގެ ދިރާގް ދިވެހި ލީގުގެ ތަށި ވީބީއަށް ހޯދާދިނުމުގައި މުހިންމު ރޯލެއް އަދާކުރި ވަންލީ ބުނީ، އަންނަ ހުކުރު ދުވަހު ވިކްޓަރީއާ ދެ ކޮޅަށް ކުޅޭ މެޗަކީ ވީބީއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި އެމެޗަށް ނިކުންނާނީ ތިން ޕޮއިންޓު ހޯދުމުގެ އުންމީދުގައި ކަމަށެވެ.

ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މިހާތަނަށް ވީބީ ކުޅުނު ހަމެޗުން ލީގް ތާވަލްގައި އެ ޓީމް އޮތީ ހަ ޕޮއިންޓާ އެކު ހަވަނައިގަ އެވެ.