31 Jan 2024, 12:27
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލަ، ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް މިއަދު އެދިއްޖެއެވެ.
މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ، ދަ ޑިމޮކްރެޓްސްގެ މެންބަރު ޙަސަން ލަތީފު މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި ޝަމީމަށް މާލޭގެ މަގުމަތިން ނުރައްކާތެރި ހަމަލާއެއް ދީފައިވާ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމަން ޖެހޭ ކަމަށެވެ.
އެހެންވެ، އެކަން ކަށަވަރު ކުރުމަށްޓަކައި އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުޅަހަޅަން ޙަސަން ލަތީފު އެދިވަޑައިގަތެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާއަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވަނީ، ޝަމީމްގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.