31 Jan 2024, 11:20
ޕްރޮސެކިއުޓާ ޖެނެރަލް ހުސަައިން ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާއަކީ ސިޔާސީ ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ސިފަ ކުރައްވައިފިއެވެ.
މިއަދު ހެނދުނު ޕީޖީ ޝަމީމަށް ބަޔަކު ވަނީ ހަމަލާދީފައެވެ. ހަމަލާގެ މާ ބޮޑު ތަފުސީލެއް ފުލުހުން ހާމަނުކުރި ނަމަވެސް ބުނެފައިވަނީ ހަމަލާ ދީފައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ނޫން ކަމަށެވެ.
ހަމަލާގައި ލިބުނު ޒަޚަމުތަކަށް ޝަމީމް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
އެ ހަމަލާ ކުށްވެރިކޮށް ޞާލިޙް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހެނދުނު ޕީޖީ ޝަމީމަށް ދިން އަނިޔާވެރި ހަމަލާ ކުށްވެރިކުރާ ކަމަށެވެ.
އެ މަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި އެއީ ސިޔާސީ ގޮތުން ކުރި އަނިޔާވެރި އަމަލެކެވެ. އަދި، އެފަދަ ކަންކަމަށް ޑިމޮކްރެޓިކް މުޖުތަމައެއްގައި ޖާގަ ނޯންނާނެ ކަމަށް ޞާލިޙް ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ އެ އަނިޔާވެރި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަން ސަރުކާރަށް ގޮވާލައިފައެވެ.
އަދި، ޕީޖީ ޝަމީމަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީން ވެސް ވަނީ ޝަމީމަށް ދިން ހަމަލާ ހަރުއަޑުން ކުށްވެރިކޮށްފައެވެ. އެ ޕާޓީން ވަނީ އެފަދަ ހަމަލާތައް ދެނީ ކުށްކުރާ ގްރޫޕުތަކަށް ސަރުކާރުން ހިމާުޔަތްދޭތީ ކަމަށް ތުހުމަތުކޮށްފައެވެ.